ދުނިޔޭގެ ވިޔަފާރި

ސައުދީ އަރަބިއްޔާއަށް މިދިޔަ އަހަރު 16.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި


ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ސައުދީ އަރަބިއާއަށް މިދިޔަ އަހަރު 16.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސައުދީގެ މީޑިއާތަކުން ބުނާގޮތުން މިދިޔަ އަހަރު އެޤައުމަށް 16.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެކުރީ އަހަރު ޒިޔާރަތްކުރި 3.5 މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެކެވެ.

މިއަދަދުތަކާއެކު ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލުތަކުގެ ލިސްޓުގެ 29 ވަނައިން 13 ވަނަ އެ ޤައުމު ވަނީ ކުރިއަށް ޖެހިލާފައެވެ.

ތެލަށް ބާރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސައުދީން ފަށާފައިވާ ސައުދީ ވިޝަންގެ ދަށުން 2030 ވަނަ އަހަރާއި ހަމައަށްދާއިރު އަހަރަކު 100 މިލިއަން ފަތުރުވެރިން ގެނައުމަށް ސަޢުދީން ދަނީ މަސައްކަތްކުރަމުންނެވެ.

ސައުދީ ޕްރެސް އޭޖެންސީ އިން ބުނާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 7.8 މިލިއަން ފަތުރުވެރިން އެ ގައުމަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ތާރީހުގައިވެސް ކުއާޓަރެއްގައި މިހާ ގިނަ ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން ބައިނަލްއަގުވާމީ ފަތުރުވެރިކަން ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ކުރިއަރާނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ދުނިޔޭގެ ފަތުވެރިންގެ އަދަދު ދެގުނަ އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމަށް އެންމެ ބޮޑަށް އިންވެސްޓް ކުރާ ޤައުމުގެ ގޮތުގައި ފާހަގަކުރެވޭ ސައުދީ އަރަބިއްޔާއިން ވަނީ ފަތުރުވެރިކަމުގެ އާ މަންޒިލްތައް ތަރައްގީކުރުމަށް 550 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަން ހާމަކޮށްފައެވެ.