ތިމާވެށި

ޑީސަލް ހައިބްރިޑް ނިޒާމުން މަދުވެގެން އަހަރަކު އެއްމިލިޔަން ލީޓަރ


ސޯލަރ ޕީވީ - ޑީސަލް ހައިބްރިޑް ނިޒާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަދުވެގެން އަހަރަކު އެއް މިލިޔަން އެގާރަ ހާސް ލީޓަރުގެ ޑީސަލް ތެޔޮ ސަލާމަތްކުރެވޭނޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މިއީ ފުރަތަމަ ފިޔަވަހީގައި ޤާއިމް ކުރެވޭ 2،500 ކިލޯވޮޓްގެ ސޯލަރ ޕީވީއެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ. އަދި މި ނިޒާމުގެ ސަބަބުން އަހަރަކު 7،000 އަށް ވުރެ ގިނަ ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެކަމަށް ވެސް އެކުންފުނިން މައުލޫމާތުދެއްވައެވެ. އެކުންފުނިން ފުރަަތަމަ ފިޔަވަހީގައި ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ރޭވިފައިވާ ރަށްތަކަކީ އައްޑޫ ސިޓީގެ ގުޅާލެވިފައިވާ 4 ރަށާއި ގއ.ވިލިނގިލި، ތ.ބުރުނި، ޅ.ކުރެންދޫ އަދި ބ.ގޮއިދޫ.މި ރަށްރަށުގެ ޑިސްޓްރިބިއުޝަން ވިއުގަ ހަރުދަނާކުރުމާއި، ޕެނަލް ބޯޑްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރެވޭނޭކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މި މަސައްކަތްތައް ކުރުމަށް ބީލަމުގެ އުސޫލުން ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައިވާކަމަށްވެސް ފެނަކައިން މައުލޫމާތުދެއްވައެވެ.

މި މަޝްރޫއުގެ ދަށުން މިއަހަރު ހއ. އާއި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށެއްގައި ސޯލަރ ޕީވީ ޖެހުމަށްޓަކައި ސާރވޭ ކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ. 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށްޓަކައި ބީލަންތައް މިމަހުގެ ފަހުކޮޅުގައި އިއުލާން ކުރެވޭވަރުވާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.