ކުރީ ސަރުކާރުން އުސޫލުން ބޭރުން ބާތިލްކުރައްވާފައިވާ އެއްބަސްވުންތަކާއި ގުޅިގެން ބަދަލު ދެއްވުމުގައި ވަކި ބަޔަކަށްވީތީ މި ސަރުކާރުން ތަފާތު ކުރެއްވުމެއް ނުގެންގުޅުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުން ޤާނޫނާއި ހިލާފަށް އެއްބަސްވުންތައް ބާތިލްކުރައްވާފައިވާ މައްސަލަތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ހައްގު ބަދަލު ހޯއްދަވައިދެއްވުމަށް މި ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އެކަމަށް ޙާއްސަ ކޮމިޓީއެއް އުފައްދަވައިގެން އެފަދަ މައްސަލަތައް ވަނީ ބައްލަވާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ މިކަމުގައި ސަރުކާރުން އަމަލުކުރައްވާ ގޮތާއިމެދު ސުވާލުތައް އުފައްދަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކުރީ ސަރުކާރުން ޤާނޫނީ އިމުން ބޭރުން އެއްބަސްވުންތައް ބާތިލުކުރުމުން މާލީ ގޮތުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ހައްގު ބަދަލު ދެއްވުމަކީ މިސަރުކާރުން ގަބޫލުކުރާ އުސޫލެއް ކަމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލެއްވި ކޮމެޓީން މިހާތަނަށްވެސް މަސައްކަތްކުރެއްވީ ހުށަހެޅިފައިވާ ވަކި މައްސަލައަކަށް އިސްކަން ދެއްވުުމުގެ ބަދަލުގައި، ޤާނޫނީ އިމުންބޭރުން ނާއިންސާފުން ޢަމަލުކޮށްފައިވާ ފަރާތްތަކަށް ހައްގު ބަދަލު ހޯއްދަވައިދެއްވުމަށްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
"ވަކި ބޭފުޅަކަށްވީތީވެ ބަދަލެއް ލިބޭކަމަށްވާނަމަ ނުވަތަ ބަދަލެއް ނުލިބޭކަމަށް ވާނަމަވެސް، ވަކި ބޭފުޅަކަށްވީތީ ކަންތައް ކުރާނެ އުސޫލެއް ސަރުކާރުގައި ނޯންނާނެ. އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އެއްކޮށް އެމަސައްކަތްތައް ކުރިއަށްދާނީ. އެއިން އެއްވެސް ކަމެއްގައި އެއްވެސް ގޯހެއް ހިންގާފައިވާނަމަ، ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް އެކަމެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ." މިއުވާން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އުސޫލުން ބޭރުން، ޤާނޫނާއި ހިލާފަށް އެއްބަސްވުންތައް ބާތިލުކޮށްފައި ހުރުމުން، އެފަދަ ބައެއް މައްސަލަތަކުގައި އެތައް މިލިއަން ރުފިޔާއެއް ބަދަލުގެ ގޮތުގައި ދިނުމަށް ޝަރުޢީ ކޯޓުތަކުންވެސް ވަނީ ނިންމާފައެވެ. އަދި އެފަދަ މައްސަލަތަކުގައި މި ސަރުކާރުން ވަނީ ދައުލަތަށް ގެއްލުން އެންމެ ކުޑަވާނެ ގޮތަށް ބައްލަވައިގެން، މަޝްވަރާގެ ތެރެއިން ބަދަލު ދިނުމުގެ މައްސަލަތައް ނިންމަވާދެއްވާފައެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހެނީ ކުރީ ސަރުކާރުގައި އެކަންކަމާއި ހަވާލުވެ ތިއްބެވި ވެރިންގެ އިހުމާލުންކަމަށާއި، އެފަދަ ފަރާތްތަކާއިމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުން ބާތިލްކުރެއްވި އެއްބަސްވުންތަކާއި ގުޅިގެން އެތައް ބަޔަކަށް ބަދަލު ދެއްވަންޖެހުމުގެ އިތުރުން ނުއަގުގައި ހިންގާފައި ހުރި ޕްރޮޖެކްޓްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ނުދައްކާ ހުރިކަން ފިނޭންސް މިނިސްްޓްރީން ފާހަގަކުރައްވައެވެ.