ޚަބަރު

އުސޫލުތަކާއި ޚިލާފުވެގެން ފުރަތަމަ ފަހަރަށް ހިޔާގެ އެޕާޓްމަންޓްތަކެއް އަތުލަން ނިންމައިފި


އެޗްޑީސީގެ އުސޫލުތަކާއި ޚިލާފުވެގެން ފުރަތަމަ ފަހަރަށް ހިޔާގެ ފްލެޓްގެ އެޕާޓްމަންޓްތަކެއް އަތުލަން ނިންމައިފިއެވެ.

އުސޫލުތަކާއި ޚިލާފުވެގެން އަތުލަން ނިންމާފައިވަނީ އެޕާޓްމަންޓްތައް ވަކިކުރުމަށް ހުންނަ ފާރު ތަޅާލުމަށްފަހު އެއްކޮށްލާފައިވާ ދެ އެޕާޓްމަންޓެކެވެ.

ދެ އެޕާޓްމަންޓްތައް އެއްކޮށްލި މައްސަލައިގައި އެޗްޑީސީން ވަނީ ކޮންމެ އެޕާޓްމަންޓެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެޕާޓްމަންޓް ހަވާލު ކުރިއިރު ހުރި ގޮތަށް ބަދަލުކުރަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެޗްޑީސީން ބުނީ އެކުންފުނީގެ އެންގުމާއި އެއްގޮތަށް އެޕާޓްމަންޓްތަކުގެ ވެރިން އަމަލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެ ދެ އެޕާޓްމަންޓް އަތުލަން ނިންމައި، 14 ދުވަހުގެ ތެރޭގައި އެ ތަންތަން އެޗްޑީސީއާ ހަވާލުކުރުމަށް މިހާރު ނޯޓިސް ދީފައިވާކަމަށެވެ.

ފްލެޓް އަތުލުމުގެ އިތުރުން، މިހާތަނަށް ނުދައްކާ ހުރި ކުލި 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށްވެސް ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކުގެ އުސޫލުގައިވާ ގޮތުން ހުއްދައަކާއި ނުލާ ހިޔާ ފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް ބަދަލުނުގެނެވޭނެއެވެ. އަދި އުސޫލާއި ހިލާފުވެ ބަދަލު ގެނެސްފިނަމަ ބޮޑު އަދަދުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ހިޔާފްލެޓް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.