ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާން ބަންޑާރަ ނާއިބަށް 30 މިނިޓް


ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ބަންޑާރަ ނައިބަށް އެކި ތުހުމަތުކުރައްވައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތެއް ދެއްވުމަށް އާއްމު ކޮމިޓީން ފާސްކުރައްވައިފިއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ތާއީދާއިވެސް އެކުގައެވެ.

ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުން ވަގުތު ކަނޑައެޅުމަށް އާންމު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ނިންމަވާފައިވަނީ މީގެ ކުރިންވެސް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އަމަލު ކުރެއްވި ގޮތަށް ކުރިއަށް ގެންދެވުމަށެވެ. އެގޮތުން އާންމު ކޮމިޓީން ނިންމެވީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވުމަށް 30 މިނިޓުގެ ވަގުތެއް ދިނުމަށެވެ.

މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީން ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ވަކާލާތު ކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަ ނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މިހާތަނަށްވެސް ބަންޑާރަ ނައިބް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޢަމަލުކުރައްވާފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް އެޕާޓީން ވިދާޅުވެއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ފުރިހަމަ އިތުބާރު އޮތްކަމަށްވެސް އެމްޑީޕީން ވިދާޅުވެއެވެ.

ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމައަށް ފެންނަން އޮއްވައި, ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް އެމްޑީޕީން ކާމިޔާބުވިޔަ ނުދެއްވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަ ނައިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުއާއެކުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕް އޮތްކަމުގެ ޔަގީންކަންދެއްވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.