ޚަބަރު

މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް


ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ 13 މެމްބަރެއްގެ ސޮޔާއެކުގައެވެ.

މިނިސްޓަރ ޝާހިދުގެ މައްސަލަ މިދިޔަ ހަފްތާގައިވެސް މަޖިލީހަށް ހުށަހެޅުއްވިއެވެ. ނަމަވެސް މައްސަލަ އަނބުރާ ގެންދެވުމަށްފަހު އަލުން ވައްދާފައިވަނީ އިތުރު މެމްބަރުންގެ ސޮޔާއި އެކުގައިކަމަށް މިމައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވިދާޅުވެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ރައީސް އާދަމް ޝަރީފް ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ މިކަމުގައި މިނިސްޓަރ ޝާހިދުގެ އިހުމާލުވުމުން ބޮޑުކަމަށް ފާހަގަކުރެވޭތީކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށް ވެއްދީ ސަރުކާރު ޒިންމާދާރުކުރުވައި، ޖަވާބުދާރީކުރުވުމަށްކަމަށެވެ.

"މަޖިލިސްގަ ވޯޓުން ފަހަރެއްގަ ތަފާތު ނަތީޖާއެއް ނިކުތުމަކީ އަޅުގަނޑުމެންނަށް މިވަގުތަކު އެހާ މުހިންމު ކަމެއްނޫން. އަޅުގަނޑުމެން މިއުޅެނީކީ ބަންޑާރަ ނައިބުގެ ބަދަލުގަ މީހަކު ކޮންމެހެން ވައްދާކަށްނޫން. އަޅުގަނޑުމެން މިއުޅެނީ ސަރުކާރު ޖަވާބު ދަރީ ކުރުވުމުގެ މަސައްކަތް ކުރަން. އަޅުގަނޑުމެން މިއުޅެނީ ގެއްލިގެން ދިޔަ ކަނޑު ހޯދުމުގެ މަސައްކަތް ކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ މިސަރުކާރުގެ އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކާމިޔާބުވިޔަ ނުދެއްވާނެކަމަށެވެ.

މިމައްސަލާގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ކަނޑުގެ އިންވަކިކުރުމާއި ގުޅޭގޮތުން ނިންމި ނިންމުން ބަލައިނުގަތުމަށް ބައެއް ފަރާތްތަކުން ވިދާޅުވިނަމަވެސް އެ ނިންމުމާއި ދެކޮޅުހަދައި، ވާހަކަދެއްކެވުމަކީ ބައިނަލްއަޤްވާމީ އުޞޫލުތައް ތަންދޭ ކަމެއް ނޫންކަމަށެވެ. އަދި ބައިނަލްއަޤްވާމީ ނިންމުންތަކާއި ދެކޮޅަށް ޢަމަލުކުރަނީ ފަަލަސްތީނުގެ ބިންތަކަށް ބައިނަލްއަޤްވާމީ އުޞޫލުތަކާއި ދެކޮޅަށް އަރައިގަނެގެން އުޅޭ އިސްރާއީލްފަދަ ޤައުމުތަކުންކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.