މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކް ބޭނުންކުރުން މަނާކުރާ އެމެރިކާގެ ފުރަތަމަ ސްޓޭޓަކަށް މޮންޓާނާވެއްޖެއެވެ.
މޮންޓާނާ ސްޓޭޓްގެ ގަވަރުނަރު ގްރެގް ގައިންފޯޓް ބުދަދުވަހު ވަނީ މޮންޓާނާގައި ޓިކްޓޮކް މަނާކުރުމަށް ކަނޑައަޅާ އެކުލަވާލި ޤާނޫނު ތަސްދީޤުކުރައްވާފައެވެ. މި ޤާނޫނަށް އަންނަ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަމަހު ފާސްކުރި މި ޤާނޫނުގައިވާ ގޮތުން އަމިއްލަ ފޯނުތަކުގައި ޓިކްޓޮކް ބޭނުންކުރުން މަނާވާނެއެވެ. އެހެންކަމުން އެޕް ސްޓޯރއާއި އެހެނިހެން ޕްލެޓްފޯމްތަކުން ކަސްޓަމަރުންނަށް ޓިކްޓޮކް ޑައުންލޯޑެއް ނުކުރެވޭނެއެވެ. ނަމަވެސް މިހާރުވެސް ޓިކްޓޮކް ބޭނުންކުރާ ފޯނުތަކަށް ޤާނޫނު ފާސްކުރިޔަސް ޓިކްޓޮކް ބޭނުންކުރެވޭނެއެވެ.
މޮންޓާނާގައި އެތައް ސަތޭކަ ހާސް ބަޔަކު ޓިކްޓޮކް ބޭނުންކުރާއިރު، އެ ސްޓޭޓްގެ ސަރުކާރުން ނިންމި ނިންމުން ޓިކްޓޮކްއިން ކޯޓަށް ހުށަހަޅާނެކަމަށް ހަބަރުތައް ބުނެއެވެ.
މިލިއަނެއްހާ މީހުން އުޅޭ މޮންޓާނާގައި މިދިޔަ ޑިސެމްބަރުމަހު ވަނީ ސަރުކާރު ޑިވައިސްތަކުގައި ޓިކްޓޮކް ބޭނުންކުރުންވެސް މަނާކޮށްފައެވެ.
ޗައިނާގެ ކުންފުންޏެއްގެ ދަށުން ހިންގާ ޓިކްޓޮކާއިމެދު އެމެރިކާ ސަރުކާރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން ޓިކްޓޮކްގައި ހުންނަ އާއްމުންގެ މައުލޫމާތު ޓިކްޓޮކްއިން ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް ޓިކްޓޮކްއިން އެކަން ދޮގުކުރެއެވެ.