އޭދަފުށީ ކުލަބު ކޮމްބިނޭޝަންއިން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އިންޓަރ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސޮނޭވާ ފުށިން ހޯދައިފިއެވެ.
އެ އަތޮޅުގެ ހަ ރިސޯޓަކުން ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަންކަން ސޮނޭވާ ފުށިން ހޯދީ ވެސްޓިން ރިސޯޓާ ބައްދަލުކޮށް މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗުގެ ޓޮސް ދިމާވެގެން ސޮނޭވާފުށި ގަސްދުކުރީ ހޮވާށެވެ. އެއާއެކު ވެސްޓިން ޓީމުން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 109 ލަނޑެވެ. ޖަވާބުގައި ސޮނެވާ ފުށި ކުޅެން އަރައި ހަވަނަ އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 110 ލަނޑު ހަދައި ޗެމްޕިއަންކަން ހޯދާފާއެވެ.
ބ. އަތޮޅުގެ ރިސޯޓުތަކުގައި އުޅޭ ބިދޭސީންގެ ބައިވެރިވުން ކުޅިވަރުގައި އިތުރުކޮށް، ރިސޯޓުތަކާއި އޭދަފުއްޓާ އަދި އެ ޖަމުއިއްޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ކްރިކެޓްގެ ފޯރި އޭދަފުށީގައި އާލާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނޭވާ ޓީމުގެ ރަޖީބް ރަނާއެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނޭވާ ޓީމުގެ މައްސޫދު ރަނާއެވެ. އަދި އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ ވެސްޓިންގެ ތަގުއާ ހުސެއިނެވެ. މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ މިލައިދޫ ރިސޯޓެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާ ގުޅިގެން އޭދަފުށީގެ ޖަމުއިއްޔާއެއް ކަމަށްވާ ކުލަބު ކޮމްބިނޭޝަންއިން ކުރިއަށްގެންދިޔަ މި މުބާރާތަށް ރިސޯޓުތަކުގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށާއި، މި މުބާރާތް އަންނަ އަހަރު މިއަށްފުރެ ފުރިހަމައަށް ބާއްވާނެ ކަމަށް އެ ކުލަބުން މައުލޫމާތު ދެއެވެ.