ޚަބަރު

ކޭ-ޕާކް މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ އެޕާޓްމަންޓްތައް ބަލައި ފާސްކުރަނީ


ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިންސާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުއި ތުހުމަތު ކުރެވޭ ބައެއް މީހުންނާއި ގުޅުންހުރި ޢިމާރާތްތައް ބަލައި ފާސް ކުރަން ފަށައިފިއެވެ.

ކޭ-ޕާރކް ޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތްހަދައި، ބޮޑެތި ޢަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާ މައްސަލަ އެޗް.ޑީ.ސީއިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރަމުންދާއިރު ފުލުހުން ވަނީ ކޭ-ޕާރކް ރެސިޑެންސްއިންސާއި ގުޅުންހުރި މީހުންގެ ޕާސްޕޯޓްތައް ހިފަހައްޓައި ރާއްޖެއިން ނުފުރޭ ގޮތް ހަދާފައެވެ. ފުލުހުން މިއަދު ވިދާޅުވީ، ކޭ-ޕާރކް މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާއި، ގުޅުންހުރި ބައެއް ތަންތަން ބަލާ ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިގޮތުން ފުލުހުން ވަނީ ހުޅުމާލޭގައި ހުންނަ ހަމްބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ޙަސަން މަމްދޫހުގެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. މިއީ ހުޅުމާލޭ އަމީން އެވެނިއުގައި އޭނާ ކުއްޔަށް ދިރިއުޅެމުންދާ ތަނެވެ.

ކޭ-ޕާރކް ރެސިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނާއި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ކޭ-ޕާރކް ރެސިޑެންސް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. 110 އެޕާޓްމަންޓް ހިމެނޭހެން 14 ބުރިއަށް ތަރައްޤީކުރާ މިތަނުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.