ޚަބަރު

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން ނިންމައިފި


ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.

އަލީ އާޒިމް އެމްޑީޕީން ވަކިކުރަން ނިންމާފައިވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އާޒިމް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޕާޓީގެ އަަސާސީ ޤަވާއިދާއި ހިލާފަށް ކުރައްވާފައިވާ ކަންތައްތަކެއް ފާހަގަވެފައިވާތީ، އެކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅައިދިނުމަށެވެ.

އާޒިމާއި ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލަތަކުގެ ތެރޭގައި ބަންޑާރަ ނާއިބުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ސޮއިކުރުމާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ފާޑުކިޔައި ސަރުކާރާއި ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ބައިވެރިވުން ހިމެނެއެެވެ.

މި މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން ކޮމިޓީއަށްވެސް ކަށަވަރުކުރެވިފައިވާކަމަށެވެ. އެގޮތުން ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ބޭފުޅެއްކަމަށްވާ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައެއްގައި އާޒިމް ސޮއިކުރެއްވުމަކީ ޕާޓީގެ ސިޔާސަތުތަކާއި ދެކޮޅަށް ކުރެއްވިކަމެއްކަމަށް އާޒިމްގެ މައްސަލަ ބެލި ކޮމިޓީން ނިންމާފައިވެއެވެ. މީގެއިތުރުން ޕާޓީގެ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކުުން ސަރުކާރާއި ދެކޮޅަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވުމަކީ ޕާޓީގެ މެމްބަރުކަމުން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްކަމުގައިވެސް ފިޔަވަޅު އަޅާ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މި މައްސަލައިގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ އާޒިމް އެމްޑީޕީގެ މެމްބަރުކަމުން 1 އަހަރު ދުވަހުގެ މުއްދަތަށް ވަކިކުރުމަށެވެ. އަދި 1 އަހަރު ދުވަހުގެ މުއްދަތަކަށްފަހު ޕާޓީއަށް އަލުން ވަދެވޭނީވެސް 100 މީހުންގެ ފޯމް ހުށަހެޅުމުންކަމަށްވެސް ކޮމިޓީގެ ނިންމުމުގައިވެއެވެ. މީގެއިތުރުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ އެެތެރޭގެ މަޤާމަކަށްވެސް، އަދި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި އާޒިމްއަށް ބައިވެރިނުވެވޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.