މުނިފޫހިފިލުވުން

ގުޗީގެ ގްލޯބަލް އެމްބެސެޑަރަކަށް އާލިއާ


އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް ގުޗީގެ ގްލޯބަލް އެމްބެސެޑަރަކަށް އިންޑިއާގެ ބަތަލާ އާލިއާ ބަޓް ހަމަޖައްސައިފިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފެޝަން ބްރޭންޑުގެ ގޮތުގައި ފާހަގަކޮށްލެވޭ ގުޗީން ލިބުނު ފުރުޞަތާއެކު އާލިއާވެފައި މި ވަނީ އެ ބްރޭންޑްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުކަން ލިބުނު އިންޑިއާގެ ފުރަތަމަ ސެލެބްރިޓީއަށެވެ. މިއާއެކު 30 އަހަރުގެ ބަތަލާ ގުޗީގެ އުފެއްދުންތައް އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް މާކެޓްގައިވެސް އިޝްތިހާރުކޮށް ޕްރޮމޯޓްކުރާނެއެވެ.

ގުޗީގެ އެމްބެސެޑަރުކަން ލިބުނުއިރު އާލިއާ ވަނީ މިއަހަރުގެ މެޓް ގަލާގައިވެސް ބައިވެރިވެފައެވެ. އަދި އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް އަންނަ އޮގަސްޓުމަހު ސިނަމާތަކަށް ގެންނާނެއެވެ.

އާލިއާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ރޮމް ކޮމް "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"، އަދި ފަރުހާން އަހްތަރުގެ "ޖީލޭ ޒަރާ" ހިމެނެއެވެ. މި ފިލްމުގައި އާލިއާ އާއިއެކު ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްޅާވެސް ފެންނާނެއެވެ.