މުނިފޫހިފިލުވުން

ސިދާތުގެ "އިންޑިއަން ޕޮލިސް ފޯސް" އަންނަ ނޮވެމްބަރަށް


ބޮލީވުޑް ޑައިރެކްޓަރު ރޯހިތު ޝެޓީގެ އައު ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރީމިއާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެހެންނަމަވެސް މިހާރު ޝޫޓިން ނިމިފައިވާ މި ސީރީޒް ނޮވެމްބަރުގައި ދައްކާނެކަން ސިދާތް އަދި ރޯހިތު ވެސް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

"އިންޑިއަން ޕޮލިސް ފޯސް" އަކީ އެމެޒޯން ޕްރައިމް ވީޑިއޯއާއި ގުޅިގެން މިދިޔަ އަހަރު ހަދަން ފެށި ސީރީޒެކެވެ. މީގެ ކާސްޓްގައި ޝިލްޕާ ޝެޓީއާއި، ވިވެކް އޮބެރޯއީގެ އިތުރުން އިތުރު ގިނަ ތަރިންތަކެއްވެސް ހިމެނެއެވެ. މިއީ ރޯހިތުގެ ފުރަތަމަ ވެބް ސީރީޒެވެ.

"އިންޑިއަން ޕޮލިސް ފޯސް" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ބައެކެވެ. އޭގެ ދަށުން މިހާތަނަށް ގެނެސްދިން ފިލްމުތަކަކީ އަޖޭ ދޭވްގަންގެ "ސިންގަމް" ގެ ދެ ފިލްމާއި ރަންވީރު ސިންގްގެ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ. ރޯހިތުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކޮމެޑީ ފިލްމު "ސާކަސް" އެވެ. ރަންވީރު ސިންގާއި، ވަރުން ޝަރުމާ، ޖެކްލީން ފެނާންޑޭޒް އަދި ޕޫޖާ ހެޖް ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމަށް މާބޮޑު ތަރުޚީބެއް ލިބިފައެއްނުވެއެވެ.

"އިންޑިއަން ޕޮލިސް ފޯސް" އިން ފުލުހެއްގެ ގޮތުގައި ބެލުންތެރިންނާ ބައްދަލުކުރަން ސިދާތު ތައްޔާރުވާއިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރު 15 އަށް ތާވަލުކޮށްފައިވާ އެކްޝަން ތުރިލާ "ޔޯދާ" އެވެ. ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖެނުއަރީގައި ގެނެސްދިން "މިޝަން މަޖުނޫ" އެވެ.