ޚަބަރު

ފުއްގިރީގެ މައްސަލަ: ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމެވުންތަކަށް ސުޕްރީމް ކޯޓުން ތާއީދު


ރ.ފުއްގިރީގެ ޚިޔާނާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރެވޭ ޝަރީޢަތުގައި ދައުވާ ލިބޭ ފަރާތްތަކުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ނިންމަވައިފައިވާ ނިންމެވުންތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކުރައްވައިފިއެވެ.

މި މައްސަލައަކީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެމްއެމްޕީއާރުސީން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާކަމަށްް ބުނާ ޚީޔާނާތާގުޅޭ މައްސަލައިގެ ދަޢުވާތައް ރައްދުވާ މއ.ކާމިނީހުޅަނގުގޭ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާގެ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއީދުކުރެއްވުމުން، އެކަމާ ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުޢޫދާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގާފައިވާކަމަށް ބުނާ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުއްލަވައިފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދަޢުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާއެވެ. ކްރިކް ރިޟާގެ މައްޗަށް އުފުއްލަވައިފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދަޢުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި 4 ހުށަހެޅުމެއް ޔާމީންގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމަވާފައިވަނީ އޭގެތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓްގައި ހިމެނޭ ފުއްގިރިއާ ގުޅޭ މައުލޫމާތު ހިމެނޭ ބަޔާންތަކާއި އެ ބަޔާންތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، އެހެން ހުރިހާ ހުށަހެޅުންތައް ބަލައިނުގެންނެވުމަށެވެ.

ބަލައިނުގަންނަވަން ނިންމައިފައިވަނީ،
- ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށައެޅުއްވި -ހުށަހެޅުމާއި،
- އަލަށް ޢަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުޞަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ހުށަހެޅުމާއި
- ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާ ކަމަށް ބުނެ ހުށައެޅި ހުށަހެޅުމެކެވެ.

ކްރިމިނަލް ކޯޓުން އެ 3 ހުށަހެޅުން ބަލައިނުގަތުމަށް ނިންމެވުމުން އެކަމާ ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފްކުރުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމެވުމަށް ތާއީދުކުރައްވައިފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، މިމައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން އިއްވެވި ޙުކުމްގައި ވަނީ ޔާމީންގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހެޅި 3 ހުށަހެޅުމެއް ހައިކޯޓުން ބަލައިނުގަންނަވަން ނިންމެވި ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.