ޚަބަރު

ދެހާހެއްހާ ކުދިންގެ ސްޓޫޑެންޓް ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވިއްޖެ: ރައީސް


މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިހާތަނަށް ދެހާހެެއްހާ ކުދިންނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވަނީ މި ސަރުކާރުން މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ހާސިލްކުރެވުނު ނަތީޖާތަކަށް އަލިއަޅުއްވާލައިވައި ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ބޭރު ޤައުމުތަކުން ކިޔެވުމަށް ފުރުސަތުތައް ނުލިބޭ އެތައް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތައް ސަރުކާރުން ހޯއްދަވައިދެއްވާފައިވާކަމަށާއި، އެކަމުގެ ސަބަބުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ކޮންމެ ދިވެއްސަކަށްވެސް މިއަދު ފަހިވެފައިވާކަމަށެވެ.

2019 ވަނަ އަހަރު ސަރުކާރުން ފެށްޓެވި ހިލޭ ޑިގްރީ ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް 17000 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ހިލޭ ޑިގްރީ ޕްރޮގްރާމުން ފަހިކޮށްދެއްވާފައިވާކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގެވުމަށް މިހާތަނަށް 567 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ފެއްޓެވި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 6500 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީ ހާސިލްކޮށްފައިވާކަމަށެވެ.

"ދިވެހި ދައުލަތުގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީގައިވެސް، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް އަޅުގަނޑުމެން އެބަ ހޯދައިދެން. އެފަދަ ސްކޮލަރޝިޕް ސްކީމްތައް އިތުރުކޮށް މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް މިހާރުވެސް ހުރީ ތަނަވަސްކުރެވިފައި." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ސަރުކާރުން ފޯރުކޮށްދޭ ލޯނުގެ ފުރުޞަތުތައްވެސް އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް 1986 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން ކިޔަވާ ނިމި އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްޓޫޑަންޓް ލޯނަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާވެސް ގިނަ ދަރިވަރުންނަށް މި ލޯނު ދެއްވުމަށް ސަރުކާރުން ގެންނެވި ބަދަލާއެކު މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް. އަދި އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މި ސަރުކާރުން މަތީ ތައުލީމު ހާސިލުކުރުމަށް ދެއްވާ ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކައި ސްޓޫޑަންޓް ލޯނުގެ އިންޓަރެސްޓް ރޭޓް 5 އިންސައްތައިން 1 އިންސައްތައަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުމަށް އޮންނަ މުއްދަތު 20 އަހަރަށް ވަނީ އިތުރުކޮށްދެއްވާފައެވެ. މީގެއިތުރުން ހިލޭ ޑިގްރީއާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގައާއި އެކުވެރި 25 ޤައުމެއްގެ ސްކޮލަޝިޕްގައި 418 ދަރިވަރުން މިހާރުވެސް އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އަދި ސްކޮލަރޝިޕްތަކަށް މިހާތަނަށް ސަރުކާރުން ވަނީ 528 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.