ޚަބަރު

3 އޭ-ސްޓަރ ހޯދައިގެން ކުރިމަތިލެވޭ ޚާއްސަ ސްކޮލަރޝިޕެއް މިއަހަރު ތައާރަފްކުރާނަން: ރައީސް


މަތީ ތަޢުލީމް ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން މެރިޓް ސްކޮލަޝިޕްގެ ނަމުގައި އައު ސޮކްލަރޝިޕެއް ތައާރަފްކުރެއްވުމަށް ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އައު ސޮކްލަރޝިޕެއް ތައާރަފްކުރެއްވުމަށް ތައާރަފްކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަޝިޕް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެރިޓް ސްކޮލަޝިޕްގެ ނަމުގައި ތައާރަފްކުރައްވާ ސްކޮލަރޝިޕާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ މި ސްކޮލަރޝިޕްއިން ލިބޭނީ ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕް ނުލިބޭ ދަރިވަރުންނަށްކަމަށެވެ. އެގޮތުން ފުރިހަމަކުރަން ބޭނުންވާ ކޯހެއްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ ފުރުޞަތުތައް ފަހިކޮށްދީގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރިންގެ ސިކުނޑިތައް ޒަމާނީ ތަޢުލީމުން ތަރައްޤީކުރަން. ސްކޮލަޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ޙަޤީޤީ މަޤްޞަދަކީ އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް ތައާރަފްކުރައްވާ ސްކޮލަރޝިޕާއި ގުޅޭ ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޒުވާނުންނަކީ މުސްތަޤްބަލުގައި ޤައުމު ހިންގުމުގެ ޒިންމާތަކާއި ހަވާލުވާން ތައްޔާރުވަމުން އަންނަ ބަޔަކަށްވާއިރު، ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޒުވާނުން ކުރިއަށްދާނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.

"ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީޚަށް ބަލާއިރުވެސް، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުޞަތުތައް މިހާރު އެބަ އޮތް. އަދި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މިހާރު ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި 155 ދަރިވަރަކު ވަނީ ސަރުކާރުގެ ސްކޮލަރޝިޕް ހާސިލްކޮށްފައެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލްކުރި 17 ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާއިބްރާޙިމް މުޙައްމަދު ޞާލިހްއެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 138 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ބައެއް ވަޒީރުންނެވެ.