ޚަބަރު

ޢަރަބި ލީގުގެ ސަމިޓުގައި ބައިވެރިވުމުގެ ދަޢުވަތު އަސަދަށް އަރުވައިފި


ކުރިއަށް އޮތް ހަފުތާގައި ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ ޢަރަބި ލީގުގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވުމުގެ ދަޢުވަތު ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛު އަލް-އަސަދަށް އަރުވައިފިއެވެ. އެ ސަމިޓުގައި ބައިވެރިވުމުގެ ދަޢުވަތު ސަޢޫދީ ޢަރަބިއްޔާއިން އަސަދަށް އަރުވާފައިވާ ކަން އިޢުލާނުކޮށްފައި ވަނީ ސޫރިޔާގެ ސަރުކާރުންނެވެ. އެ ސަމިޓު ވެގެންދާނީ، 2011 ވަނަ އަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށި ފަހުން އަސަދު ބައިވެރިވެ ވަޑައިގަންނަވާ ޢަރަބި ލީގުގެ ފުރަތަމަ ބައްދަލުވުމަށެވެ.

އަސަދަށް ދަޢުވަތު ފޮނުއްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢުދެވެ. ޢަރަބި ލީގުގެ ސަމިޓު އޮންނާނީ މި މޭ މަހުގެ 19 ވަނަ ދުވަހު އެ ޤައުމުގެ ޖިއްދާގައެވެ. ރަސްގެފާނު ސަލްމާންގެ ފަރާތްޕުޅުން އަސަދަށް ދަޢުވަތު އަރުވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިން އުރުދުނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނާއިފް ބިން ބަންދަރް އަލް-ސުދައިރީއެވެ. އެ ދަޢުވަތުގައި ރަސްގެފާނު ސަލްމާނާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވަނީ ސޫރިޔާގެ ސަރުކާރާއި ރައްޔިތުންގެ ސުލްޙައާއި ހަމަޖެހުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

2011 ވަނަ އަހަރުގެ ނޮވެންބަރު މަހު ސޫރިޔާގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އަސަދު ފެއްޓެވި ހަނގުރާމައާ ގުޅިގެން ޢަރަބި ލީގުން ވަނީ އެ ޤައުމު އެކަހެރިކޮށްފައެވެ. މި ހަނގުރާމައިގައި މަރުވި މީހުންގެ ޢަދަދު 500,000 އަށްވުރެ މައްޗަށް އަރައެވެ. އަދި، އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ގެދޮރު ގެއްލި ރެފިއުޖީންނަށްވިއެވެ. މިހަނގުރާމައާ ގުޅިގެން ޢަރަބި ލީގުގެ މެންބަރު ޤައުމުތަކުން ވަނީ ސޫރިޔާއާ އެކު އޮތް ގުޅުންތައް ކަނޑައިލާފައެވެ. ނަމަވެސް، އެ ޤައުމުތަކުން މިހާރު ދަނީ ސޫރިޔާއާ އަލުން ގުޅުން ގާއިމުކުރަން މަސައްކަތް ކުރަމުންނެވެ.

އަސަދު އެންމެ ފަހުން ޢަރަބި ލީގުގެ ސަމިޓެއްގައި ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ އަހަރު ސަމިޓު ބާއްވާފައި ވަނީ ލީބިޔާގައެވެ. މި މަހު ބާއްވާ އެ އިއްތިހާދުގެ ސަމިޓަށް އަސަދަށް ދަޢުވަތު އަރުވާފައި މި ވަނީ، ރިޔާޟާއި ދިމިޝްޤާ ދެމެދު އަލުން ގުޅުން ގާއިމުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ދެ ޤައުމުން ވަނީ ޚާރިޖިއްޔާގެ އޮފީސްތައް ހުޅުވައި ގުޅުންތައް އިތުރަށް ބަދަހިކުރަން އެއްބަސްވެފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން އެ ޤައުމާ އެކު އޮތް ގުޅުން ކަނޑައިލާފައި ވަނީ 2012 ވަނަ އަހަރުއެވެ. އަދި، ސޫރިޔާގެ ވެރިކަމުން އަސަދު ދުރުކުރަން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ފާޅުގައި ގޮވައިލާ، އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ރިޔާޟުން ދިމިޝްޤާ އެކު އަލުން ގުޅުން ގާއިމުކޮށްފައި ވަނީ ސޫރިޔާއާއި ތުރުކީވިލާތަށް ފެބުރުވަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމަށް ފަހުއެވެ.

މާރިޗު މަހުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސަޢުދު ވަނީ ދިމިޝްޤަށް ޒިޔާރާތެއް ކުރައްވައި، އަސަދާ ބައްދަލުކުރައްވާފައެވެ. އެއީ، ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށި ފަހުން ސަޢޫދީ އިސް އޮފިޝަލަކު ދިމިޝްޤަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޢަރަބި ލީގުގެ ޤައުމުތަކުގެ ތެރެއިން ސޫރިޔާއާ އެކު ފުރަތަމަ އަލުން ގުޅުން ގާއިމުކޮށްފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އިންނެވެ. އެއީ، 2018 ވަނަ އަހަރުއެވެ.