ޚަބަރު

އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކަކުގެ ހާލު ސީރިއަސްވެގެން މާލެއަށް


އޭދަފުށީގައި މިއަދު ހަވީރު 2 ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެގެން، އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހަވީރު 17:11 ހާއިރު އޭދަފުށީގެ ބަނދަރު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި ދެ ސައިކަލް ދުއްވި ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ، އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވަނީ 18 އަހަރުގެ ޒުވާނެއްކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަނުކުރިނަމަވެސް، މާލެ ގެންގޮސްފައިވަނީ އޭނާގެ ބޮލަށް ލިބުނު ޒަހަމްތަކެއްގެ ސަބަބުންކަމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަނެއް މީހަކީ އުމުރުން 40 އަހަރުގެ މީހެއްކެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ބ.އަތޮޅު ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.