ޚަބަރު

ޑެންގީ ޖެހޭ މީހުންގެ އަދަދު މަހަކަށްވުރެ މަހެއް އިތުރުވަނީ


މިދިޔަމަހު 320 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމާހާއި އަޅާބަލާއިރު މިދިޔަ ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިދިޔަމަހު 320 މީހަކަށް ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، އޭގެކުރީމަހު ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 228 މީހެކެވެ. މިއީ މަހުންމަހަށް ބަލާއިރު 151 ކޭސް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ބަލިޖެހިގެން ރިޕޯޓްކުރި މަސްކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމަސް ނިމުނުއިރު ރޯގާއާއި ކޯވިޑް އަދި ބޭރަށް ހިންގުން އޮތީ އިތުރުވެފައެވެ. ނަމަވެސް މިިދިޔަމަސް ނިމުނުއިރު އެ އަދަދުތައް ވަނީ ދަށަށް ގޮސްްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މާޗްމަހު ރޯގާ ޖެހިގެން ރިޕޯޓްކުރީ 37969 ކޭސްއެކެވެ. އަދި މިދިޔަމަހު ރިޕޯޓު ކޮށްފައިވަނީ 29970 ކޭސްއެވެ. މާރޗްމަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 4042 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ މަހު ރިޕޯޓްކޮށްފައިވައިވަނީ 3044 ކޭސްއެވެ. މީގެ އިތުރުން މި މަސް ފެށުނުއިރު ކޯވިޑްގެ ކޭސްތައް 190 އިން މަތީގައި ހުރުމަށްފަހު މިދިޔަ ހަފްތާގައި އެ އަދަދުތައް ހުރީ 63 ގައެވެ.

ބަލި ފެތުރޭ މިންވަރު މަދުނަމަވެސް އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އާއި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކެއްސާއި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުމާއި ސައިބޯނި ލައިގެން އަތްދޮވުމާއި ރޯގާ ޖެހިއްޖެނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ބަލީގެ ހާލަތު ގޯސްވާނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.