ރިޕޯޓް

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ސޫރިޔާއަށް ހަމަޖެހުމެއް


ސޫރިޔާގައި ތަންފީޒުކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު އެޤައުމުގެ ރައްޔިތުންނަށް ހަމަނޭވާލުމުގެ ފުރުޞަތެއް ލިބިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. 

މުރާސިލުން ބުނާގޮތުން ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޙަލަބް ފަދަ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފާއިތުވި ފަސްއަހަރު ތެރޭގައި ފުރަތަމަ ފަހަރަށްވަނީ ކޮންމެވެސް ވަރެއްގެ އަމާންކަމަކާއެކު މަގުމައްޗަށާއި ބާޒާރަށް ނުކުމެ ރައްޓެހިންނާއި އަވަށްޓެރިންނާ ބައްދަލުކޮށްލައި ވާހަކަދައްކާލުމުގެ ފުރުޞަތު ލިބިފައިއެވެ.

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަމުން ގެންދިޔަނަމަވެސް ހަނގުރާމައިގެ ޙަމަލާތައް އެއްކޮށް ހުއްޓާލާފައެއް ނުވެއެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެމެރިކާއާއި ރަޝިޔާއާ އަދި ސޫރިޔާ ސިފައިން ދޭ ޙަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވާއިރު ސޫރިޔާ ސިފައިންނާއި އެގައުމުގެ އިދިކޮޅު ޖަމާއަތްތަކުގެ މެދުގައިވެސް ބައެއްފަހަރު ޙަމަލާތައް ބަދަލުކުރަމުން ގެންދެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށް އައުމުގެ ކުރިޔާއަޅާބަލާއިރު ޙަމަލާތައް ބަދަލުކުރަމުން ގެންދާ މިންވަރު ގާތްގަނޑަކަށް ހަތްދިހަ އިން ސައްތަ މަދުވެފައިވާކަން ސޫރިޔާގެ ރައްޔިތުން ފާހަގަކުރެއެވެ. 

ސޫރިޔާގެ ހަލަބްގައި ތަރުކާރީ ވިއްކުމުގައި ހަރަކާތްތެރިވާ މީހަކު ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މީހުންނަށް މަގުމައްޗަށް ނުކުމެ އުޅެވޭވަރު ވާކަމަށެވެ. މިގޮތުން ކާބޯތަކެއްޗާއި އެނޫންވެސް ތަކެތި ގަތުމަށްޓަކައި މިހާރު އަމާންކަމާއެކު ބާޒާރަށް ނުކުމެ އުޅެވޭކަން އޭނާ ފާހަގަކުރިއެވެ.

"މިހާރު އާންމުންނަށް ގެއިން ބޭރަށް ނުކުމެ އުޅެވޭވަރުވޭ، ތަންތަނަށްގޮސް އަލުއި އާއި ޓޮމާޓޯ ފަދަ ތަކެތި ގަނެވޭވަރުވޭ، މާތް ﷲ އަށް ހަމްދުކުރަން، ހަނގުރާމަ ހުއްޓާލުމުގެ ކުރިން މިއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްނޫން، މާތް ﷲ އަށް ހަމްދުކުރަން، މިހާރު ހުރިހާ މީހުންނަށްވެސް އެނބުރި އާދެވިއްޖެ، އެމީހުން ކާބޯތަކެތި ގަންނަމުންދޭ، މަގުތަކުގެ ހާލަތު ކުރިޔަށްވުރެ މާރަނގަނޅު، އަގުތައްވެސް ރަނގަނޅު." ތަރުކާރީ ވިއްކާ ވިޔަފާރި ވެރިޔާ ބުންޏެވެ.

ހަލަބް ގައި ދިރިއުޅޭ ސޫރިޔާގެ އެހެން ރައްޔިތެއްކަމަށްވާ ޖަމީލާ އައްޝަޢްބާނީ ބުނީ ހަނގުރާމައިގެ ސަބަބުން އޭނާ ގެއިން ބޭރަށް ނުނުކުންނަތާ ދިގުމުއްދަތެއް ވޭތުވެފައިވާ ކަމަށާ މިހާރު ކޮންމެވެސް ވަރެއްގެ އަމާންކަމެއް ލިބުމާއެކު ބޭރަށް ނުކުމެ އުޅެވޭވަރުވާތީ ވަރަށް ބޮޑަށް އުފާކުރާކަމަށެވެ. 

ހަނގުރާމައިގެ ޙަމަލާތަކާއެކުވެސް ޙަލަބްގައިވާ ތާރީޚީ މިސްކިތްތަކާއި ފައްޅިތަކާ އަދި ކުރީ ޒަމާނުގެ އިސްލާމީ ރަސްރަސްކަލުން ދިރިއުޅުއްވި ގަނޑުވަރުތައްފަދަ ތާރީޚީ އިމާރާތްތައް އަދިވެސް ހުރީ ހުރިގޮތަށެވެ. ހަނގުރާމައިގެ ޙަމަލާތަކުގައި އެތަންތަން ހަލާކުވެފައެއް ނުވެއެވެ. އެތަންތަނަކީ އަރަބި ދުނިޔޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރީތި އަދި އެންމެ އަގުބޮޑު އާސާރީ ތަރިކައިގެ ތެރޭގައި ހިމެނޭތަންތަނެވެ. 

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ހަމަލާތައް މުޅިން ހުއްޓުމަކަށް ނައިނަމަވެސް ފަސް އަހަރުވަންދެން ހުއްޓުމެއްނެތި ހަނގުރާމަ ކުރަމުން ގެންދިޔަ ގައުމެއްގެ ޙާލަތު މިވަރަށް ރަނގަނޅުވުމަކީވެސް ލިބުނު އާދަޔާ ޚިލާފު ކުރިއެރުމެއްކަމަށް އދ. ން ދެކެއެވެ. އދ. ން ގެންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަމުން ގެންދާ މިދަނޑިވަޅުގެ ބޭނުންކޮށްގެން ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސުލްޙައިގެ ވާހަކަތަށް އަލުން ފެށޭތޯ މަސައްކަތް ކުރަމުނެވެ. މިގޮތުން މި މާޗްމަހުގެ ހަތްވަނަ ދުވަހު ޖެނީވާގައި ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމާބެހޭގޮތުން ހުރިހާ ފަރާތްތަކަކާއެކު ވާހަކަ ދައްކަމުން ގެންދާކަން އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވަނީ ހާމަކުރައްވާފައެވެ.