ޚަބަރު

ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް 18 ޝަކުވާ!


މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް މިހާތަނަށް 18 ޝަކުވާ ހުށައަޅާފައިވާކަަމށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކުރައްވާފައެވެ. ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

އިލެކްޝަނުން ވަނީ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުއްވާލައްވާފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީޚަކީ އަންނަ މަހުގެ 2 ވަނަ ދުވަހައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް 18 ޝަކުވާއެއް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ މީހުން ވޯޓާސް ލިސްޓުގައި ހިމެނޭތީ ހުށައެޅި 12 ޝަކުވާއަކާއަކާއި، 18 އަހަރު ނުފުރޭ ކުއްޖެއްގެ ނަން ހިމެނޭ ޝަކުވާއެއްގެ އިތުރުން ލިސްޓުގައި ނަން ނެތުމުގެ 3 ޝަކުވާއަކާއި އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ 2 ޝަކުވާއެކެވެ.


ކޮމިޝަނުން ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. މިކަމުގައި ޢާންމު ފަރުދުންނާއި، ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހެއެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާއެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާން ކުރަންޖެހެއެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.