ކުޅިވަރު

އޭޝިއަން ސަރފިން މުބާރާތް ޖުލައި މަހު ތުލުސްދޫގައި


އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 އަންނަ ޖުލައި މަހު ތުލުސްދޫގައި ބާއްވަން ނިންމައި، މުބާރާތުގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށްފިއެވެ.

މުބާރާތުގެ ލޯގޯ އިފްތިތާހުކޮށްދެއްވީ ހ. ބޯޅަ ގޭގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުގެ އިތުރުން، ސާފިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޞަބާޙް އާއި، ގައުމީ ސާފިން ޓީމުގެ ކޯޗު ކްލައިޑް މާޓިންގެ އިތުރުން ދެ ސާފަރުން ކަމަށްވާ އަޙުމަދު އާޢިލް (އަންމަޑޭ) އަދި ޙުސެއިން އަރީފް (އިބޫ) ބައިވެރިވެވަޑައިގެންނެވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ރާއްޖޭގައި ސާފިން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން އެހީތެރިވަމުން ކަމަށާއި، އެގޮތުން ޤައުމީ ޓީމުގެ ކޯޗަށް އެކަނި ބަލާލިކަމުގައިވީ ނަމަވެސް އެކަން ފެންނާނެ ކަމަށެވެ. މަޚްލޫފް ވިދާޅުވީ، ސާފިންއަށް މީގެ ކުރިން ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ކޯޗެއް ގެނަސްފައިނުވާ ކަމަށާއި، އެކަމަކު މިއަދު ސާފަރުން ތަމްރީނު ހަދަމުން އަންނަނީ ތަޖުރިބާކާރު ކޯޗަކާއެކުގައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިސްކަން ދެއްވަނީ ފުޓުބޯޅަ ކުރިއެރުވުމަށް ނޫންކަމަށާއި، އެހެންނަމަވަމެސް އިތުރު ކުޅިވަރުތަކުގެ ކުރިއެރުމަށްވެސް މި ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އަދި ސާފިން އެސޯސިއޭޝަން އާއި ސާފަރުން ވަނީ ސަރުކާރުގެ އެހީގައި ބޮޑު ކުރިއެރުމެއް ހޯދައިފައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސާފިން އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޞަބާހް ވިދާޅުވީ، މި މުބާރާތް ބޭއްވެނީ ތުލުސްދޫ ސާފިން ކޮމިއުނިޓީ އަދި ތުލުސްދޫ ކައުންސިލްގެ ބޮޑު އެެއްބާރުލުމާއެކުގައި ކަމަށެވެ. އަދި ތުލުސްދޫގައި މުބާރާތް ބޭއްވުމަށް ނިންމީ މާލެ ކައިރި، ދިވެހި ސާފަރުން ފަރިތަ ރާޅެއްގައި މުބާރާތް ބޭއްވުމަށް ކަމަށެވެ. މީގެ އިތުރުން ތުލުސްދޫގައި މުބާރާތް ބާއްވަން ނިންމީ ބޭރުން މުބާރާތުގައި ބައިވެރިވުމަށް އަންނަ އެތުލީޓުން އެކޮމަޑޭޝަން ހަމަޖެއްސުމަށާއި، އެތުލީޓުން ކުރަން ޖެހޭ ޚަރަދު ތުލުސްދޫގައި ބޭއްވުމުން ކުޑަވާނެ ކަމަށް ބަލާފައި ކަމަށެވެ.

ޤައުމީ ސާފިން ޗެމްޕިއަން އަންމަޑޭ ވަނީ މުބާރާތް ކުރިއަށްދާއިރު، ސަޕޯޓަރުންގެ އެހީ ސާފަރުންނަށް ބޭނުންވާނެ ކަމަށް ބުނެފައެވެ. އެގޮތުން ކާމިޔާބީއަށް ވާސިލްވުމަށް ދިވެހި ސާފަރުން ތިބީ ތައްޔާރަށް ކަމަށާއި، އެކަމަކު ސަޕޯޓަރުންގެ އެހީއާ ނުލާ އެކާމިޔާބީ ނުވާނެ ކަމަށް އަންމަޑޭ ބުންޏެވެ.

މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރު ޖަޕާނުގައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އިތުރުން ރާއްޖޭގެ ސާފިން ޓީމުން ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި މިއަހަރު ވާދަކުރާނެއެވެ. އެއީ މެއި މަހު 30 ގައި އެލް ސަލްވަޑޯގައި އޮންނަ ވޯލްޑް ސާފިން ގޭމްސް އާއި އޯގަސްޓް މަހު ފަހުކޮޅު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ.

މިއަހަރުގެ ގައުމީ ޓީމުގައި ހަ އެތުލީޓުން ހިމެނެއެވެ. އެއީ ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު، ހޫދު އަޙުމަދު (ހޫބްޒް) އަދި އަހުމަދު އާޤިލް (އަންމަޑޭ) ގެ އިތުރުން، މިއަހަރު ބޭއްވި ސިލެކްޝަން ޓްރަޔަލްގެ ތެރެއިން ހޮވުނު އިސްމާޢީލް ރަޝީދު (ސްމައިލީ) އާއި އިބޫއެވެ.