ޚަބަރު

ފައިސާދިނުން ލަސްވުމުގައި މިނިސްޓަރުގެ އިހުމާލެއް ނެތްކަމަށް ނިންމެވީ ރަނގަޅަށް: ސުޕްރީމް ކޯޓު


މަންދު ކޮލެޖަށް 15 މިލިޔަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމަކާއި އެއްގޮތަށް އެފައިސާ ދެއްކުން ލަސްވުމުން، އެޑިކޭޝަން މިނިސްޓަރާއި ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމެވި ނިންމެވުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ ދަމަހައްޓަވައިފިއެވެ.

މަންދު ކޮލެޖް ހިންގުމަށް ކުރީގެ އެމްއީއެސް ޢިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާޠިލުކޮށް، އެ ޢިމާރާތް އަތުލާފައެވެ. އެއްބަސްވުން ބާތިލުކުރުމުން، މަންދު ކޮލެޖު ހިންގާ މާލޭހައި ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ސިވިލްކޯޓަށް ހުށައެޅިއެވެ. އެކޯޓުން ނިންމާފައިވަނީ ދައުލަތުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށްކަމަށެވެ. އަދި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށްވެސް އެ ކޯޓުގެ ޙުކުމުގައިވެއެވެ. ދަށު ކޯޓްގެ އެ ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދު ކުރައްވާފައެވެ.

މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީއާއި ދެކޮޅަށް ދަޢުވާކުރުމަށް އެކުންފުނިން ނިންމީ ބަދަލު ފައިސާގެ ގޮތުގައި ދޭން ހުކުމްކުރި 15 މިލިއަން ރުފިޔާ އެ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާތީ އެކަމުގައި މިނިސްޓަރުގެ އިޙުމާލު އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ އެކަމުގައި މިނިސްޓަރުގެ އިހުމާލެއް ނެތްކަމަށެވެ.

އެ މައްސަލަ މާލޭހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ އެ މައްސަލަ ބަލައި ނުގަތުމަށެވެ. އަދި އެ ނިންމުން ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުގެ ރަޖިސްޓްރާ ނިންމެވީ ހައި ކޯޓުގެ ނިންމެވުމުގައި ގޯހެއް ނެތްކަމަށެވެ.
މިއީ މިފަދަ މައްސަލައެއްގައި ރާއްޖޭގައި މިނިސްޓަރަކާއި ދެކޮޅަށް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ.