ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތްތައްކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި މަސައްކަތް ހަވާލުކުރުމަށް އެ މިނިސްޓްރީން މަޝްވަރާކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާކަމަށެވެ. އަކްރަމް ވިދާޅުވީ، މިހާރު ކުރަމުންދަނީ މަޝްރޫޢުގެ ފައިނަލް ޑިޒައިން މަރުހަލާގެ މަސައްކަތްތައްކަމަށެވެ. އަދި މަޝްރޫޢުގެ ކުރެހުންތައް ފައިނަލްވީހާ އަވަހަށް ކޮންޓްރެކްޓަރާއި، ޢަމަލީ މަސައްކަތްކުރުމަށް ހަވާލުކުރައްވާނެކަމަށްވެސް އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދާނީ، އެމްޓީސީސީ ހުޅުމާލެ ފެރީޓަރމިނަލު ސަރަޙާއްދުން ފެށިގެން، މާފަންނުކޮޅުން އަމީނީ މަގު ނިމޭ ހިސާބާ ހަމައަށެވެ. އެއީ ގާތްގަނޑަކަށް 2.3 ކިލޯމީޓަރުގެ ސަރަޙައްދެކެވެ. މި މަޝްރޫޢު ނިމުމުން މާލެ ވަށައިގެންވާ ރިންގު ރޯޑް ތާރުއެޅިގެންދާނެއެވެ.
މާލޭގެ ވަށަައިގެންވާ ބޮޑުތަކުރުފާނު މަގަކީ މާލޭގެ އެންމެ މުހިންމު މައި އެއް މަގެވެ. ފަސޭހައިން ދަތުރުކުރެވުމާއި، މާރުކޭޓުތަކާއި ގިނަ ޚިދުމަތްތައް ދޭ އޮފީސްތައްވެސް އެމަގުގައި ހުރެއެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުން މުދާ އުފުލާ އުޅަނދުތައްވެސް ބޭނުންކުރާ މައި މަގަށްވުމާއިއެކު، ބޮޑުތަކުރުފާނު މަގަކީ މުހިންމު ބަދަލުތަކެއް ބޭނުންވެފައިވާ ބާރު ބޮޑު މަގެކެވެ.
މިހާރު ބޮޑުތަކުރުފާނު މަގުގެ ތާރުއަޅަފައިވާ ސަރަޙައްދު ފިޔަވައި، ދެން ހިމެނޭ ސަރަޙައްދުތަކުގައި ތަރުތީބެއް ނެތުމާއި މަގުގެ އެކި ސަރަހައްދުތައް ހަލާކުވެ އަޑިގުޑަންވުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދެއެވެ. ޚާއްޞަކޮށް ބޮޑެތި ވެހިކަލްތަކަށެވެ.
ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަޙައްދެއްގައި ފުރަތަމަ ތާރު އަޅާފައިވަނީ 2018ވަނަ އަހަރުއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ، ސިނަމާލެ ބްރިޖް މަޝްރޫޢުއާއެކުއެވެ. އެބުރުގައި ތާރު އަޅާފައިވަނީ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުން ފެށިގެން، އެމްޓީސީސީ ހުޅުމާލެ ފެރީ ޓަރމިނަލާ ހަމައަށެވެ. އެއީ ގާތްގަނޑަކަށް 2.4 ކިލޯމީޓަރުގެ ސަރަޙައްދެވެ.
މާލޭގެ މަގުތަކީ އާއްމުންނަށް ބޭނުންކުރަން ފަސޭހަ، ޒަމާނީ މަގުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގައި އެންމެ ކާރޫބާރުބޮޑު އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. އަމީނީ މަގަކީ 1.7 ކިލޯމީޓަރުގެ މަގެކެވެ.
މި މަސައްކަތުގައި ހެންވޭރުން، ސްޓެލްކޯއާއި ހަމައަށް ތާރުއެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ، ސްޓެލްކޯއިން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށެވެ. އެ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މުޅި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ، އަންނަ އޯގަސްޓް މަހުގެ ނިޔަލަށެވެ.