ޚަބަރު

އިދިކޮޅުން ތައިލެންޑުގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށްފި


ތައިލެންޑުގެ މައި އިދިކޮޅު ޕާޓީ "މޫވް ފޯވަރޑް"އިން އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށް، ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ. އެ ޕާޓީގެ އިސްވެރިޔާ ޕީޓާ ލިމްޖަރޮއެންލާތް ވިދާޅުވީ، ކޯލިޝަން ސަރުކާރެއް އެކުލަވައިލުމާ ގުޅޭ މަޝްވަރާތައް އިދިކޮޅު ފަސް ޕާޓީއަކާ އެކު ފަށާފައިވާ ކަމުގައެވެ. އަދި، އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން ނުވަތަ ބާޠިލު ކުރަން ސަރުކާރުން މަސައްކަތް ކޮށްފި ނަމަ، ސަރުކާރުން "ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް ބުނެ، އޭނާ ވަނީ ސަރުކާރަށް އިންޒާރު ދެއްވާފައެވެ.

އިންތިޚާބުގައި 42 އަހަރުގެ ލިމްޖަރޮއެންލާތުގެ ޕާޓީއާ އެންމެ ގާތުން ވާދަކޮށްފައި ވަނީ ޝިނަވަޓްރާ ޢާއިލާއަށް ނިސްބަތްވާ ޕޫއާ ޓާއީ ޕާޓީއެވެ. ލިމްޖަރޮއެންލާތް ވިދާޅުވީ، ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަށް ކުރަމުންދާ މަޝްވަރާތައް ކާމިޔާބުވެއްޖެ ނަމަ، ޤާނޫނު ހަދާ މަޖިލީހުގެ 309 ގޮނޑި އިދިކޮޅަށް ލިބޭނެ ކަމަށާއި، ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ. އަދި، އިންތިޚާބުގެ ނަތީޖާއަށް ހުރިހާ ފަރާތަކުން ވެސް އިޙުތިރާމު ކުރުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

މޫވް ފޯވަރޑްއާއި ޕޫއާ ޓާއީ ޕާޓީ ގުޅިގެން ކޯލިޝަނެއް އެކުލަވައިލި ނަމަވެސް، ތައިލެންޑުގެ ޤާނޫނު އަސާސީއަށް 2014 ވަނަ އަހަރު ގެނެސްފައިވާ އިސްލާޙުތަކާ އެކު، އަދިވެސް ބާރު އޮތީ އަސްކަރިއްޔާއާ ގުޅުން އޮންނަ ޕާޓީތަކަށެވެ. އަދި، ބޮޑުވަޒީރެއް ކަނޑައެޅުމަށް 750 ގޮނޑީގެ ސެނެޓުގެ ދެ ގެއިން 376 އަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރަން ޖެހޭނެއެވެ. ޕޫއާ ޓާއީ ޕާޓީން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމަށް އަދި މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް، މޫވް ފޯވަރޑްއާ ގުޅުމުގެ ވިސްނުން އެ ޕާޓީން ގެންގުޅޭ ކަމުގައި ލިމްޖަރޮއެންލާތް ވިދާޅުވިއެވެ.

މޫވް ފޯވަރޑް ޕާޓީއަކީ ޒުވާނުންގެ ބޮޑު އާބާދީއެއް ތާޢީދުކުރާ، ވަރަށް އައު ޕާޓީއެކެވެ. އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ޒަމާނުއްސުރެ ތައިލެންޑުގައި އަމަލުކުރަމުންދާ ޤާނޫނުތަކާއި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާށެވެ. މީގެ ތެރޭގައި، ތައިލެންޑުގެ ޝާހީ ޢާއިލާގެ ޢިއްޒަތާއި އަބުރު ރައްކާތެރި ކުރުމަށް ހަދާފައިވާ ޤާނޫނުތައް އިސްލާޙު ކުރުން ވެސް ހިމެނެއެވެ. އެ ފަދަ ޤާނޫނުތައް ބޭނުންކޮށްގެން، ޚިޔާލުފާޅު ކުރުމުގެ ހައްޤުތައް ހަނިކޮށްފައިވާ ކަމަށް އެ ޤައުމުގެ ގިނަ ޒުވާނުން ގަބޫލު ކުރެއެވެ.