ތަޢުލީމު

ކުޅިވަރުގެ ދާއިރާއިން ތަމްރީނުވުމަށް ފުރުޞަތުތަކެއް ފަހިކޮށްދެނީ


އަތޮޅުތެރޭގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކުޅިވަރުގެ ރޮނގުން ފާހަގަކުރެވޭ ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް އެކުދިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް މާލެއާއި ރާއްޖެއިން ބޭރުން ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުޅުވާލި ސްކޮލަރޝިފްގެ ދަށުން 2 ދަރިވަރަކު މިހާރުވެސް ގެންދަނީ ރާއްޖެއިން ބޭރުގައި ތަމްރީނުތައް ހަދަމުންނެވެ.

ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި ދަރިވަރުން ބިނާކުރުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ. މިގޮތުން އެކިއެކި ކުޅިވަރުތަކުން ފާހަގަ ކުރެވޭ އާދަޔާ ޚިލާފު މޮޅު ހުނަރެއް ހުރި ދަރިވަރުންނަށް، ފެންވަރު ރަނގަޅު ތަމްރީނު ލިބިދީ އަދި ތަޢުލީމީ މަރުޙަލާ ފުރިހަމަ ކުރެވޭ ގޮތަށް ޚާއްސަ ސްކޮލަރޝިޕް ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ނިންމަވާފައެވެ.

ސަރުކާރުން ހުޅުވާލި މި ސްކޮލަރޝިޕަށް ބާވީސް ދަރިވަރަކު ކުރިމަތިލާފައިވެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ވަކިވަކި ކުޅިވަރުތަކުން ކުރިއަށް ދެވިދާނެ އަދި އެ ހުނަރެއް އިތުރަށް ތަރައްޤީ ކުރެވިއްޖެނަމަ، އެދަރިވަރެއްގެ ފަރާތުން ރާއްޖެއަށް ރީތި ނަމެއް ލިބިދާނެ 12 ދަރިވަރަކަށް މި ސްކޮލަރޝިޕް ދީފައިވާކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ފުޓްބޯޅައިގެ ރޮގުން ކުރިޔަށްދާން ބޭނުންވާ 5 ދަރިވަރަކާއި ބެޑްމިންޓަން އިން 3 ދަރިވަރުންނާއި އަދި އެތުލެޓިކްސް އިން 4 ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރު މިސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް މާލެއިން ތަޢުލީމް ހާސިލްކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކުދިންނަށް އެ ކުޅިވަރަތަކުން ރާއްޖޭގައި ލިބޭނެ އެންމެ ފެންވަރު ރަނގަޅު ތަމްރީނުތައް މިހާރު ލިބެމުންދާނެކަމަށްވެސް ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސްކޮލަރ ޝިޕް ލިބުނު 12 ކުދިންގެ ތެރެއިން 2 ކުދިންނަކީ މުސްތަޤްބަލުގައި ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދެވިދާނެ ފެންވަރުގެ ދަރިވަރުންކަމަށް ކުޅިވަރާ ބެހޭ ޤައުމީ ޖަމްޢީއްޔާއަށް ފެންނާތީ، އެދަރިވަރުންނަށް ރާއްޖޭއިން ބޭރުން ތަމްރީނުކުރުމުގެ ފުރުޞަތު ދެއްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އެތްލެޓިކްސް އެސޯސިއޭޝަނުން ދެއްވި ޓްރެއިނިންގ ސްކޮލަރޝިޕްގެ ފުރުޞަތު އެދަރިވަރުންނަށް މިހާރު ވަނީ ލިބިފައެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އެތުލެޓިކްސް އެސޯސިއޭޝަނާއެކު މިނިސްޓްރީން ކުރެވުނު މަޝްވަރާތަކަށްފަހު، އެދަރިވަރުންގެ ޓްރެއިނިންގ ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދާ މުއްދަތުގައި ޘާނަވީ އަދި މަތީ ޘާނަވީ މަރުޙަލާ ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރެއިން ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ދޫކުރާ ލޯނު ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

މިފަދަ އިތުރު ފުރުޞަތުތައް ކުދިންނަށް ހޯދައި ދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.