ޚަބަރު

އެމްޑީޕީގެ ސިޔާސަތުތަކާ ޚިލާފުވާ މެންބަރުންނާމެދު ފިޔަވަޅުއަޅަނީ


އެމްޑީޕީގެ އަސާސީ ޤަވާއިދާއި، އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރައްވަމުންދާ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ބައެއް ވޯޓުތަކުގައި އެމްޑީޕީގެ ވިޕްލައިންތަކާއިވެސް ބައެއް މެންބަރުން ގެންދަވަނީ ޚިލާފުވަމުންނެވެ.

އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަޙީދު ވިދާޅުވީ އެމްޑީޕީއަކީ އަސާސްތަކާއި، އުޞޫލުތަކުގެ ތެރެއިން ހިނގާ ޕާޓީއެއްކަމަށެވެ. އެމްޑީޕީގެ އެއްވެސް މެންބަރަކާމެދު ފިޔަވަޅު އެޅޭނީ އަސާސީ ޤަވާއިދު ތަންދޭ ގޮތުގެމަތިން، ވަކި އިޖުރާޢަތްތަކެއް ފުރިހަމަ ކުރެއްވުމަށް ފަހުކަމަށްވެސް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޕާޓީގެ މެމްބަރުން ކަނޑައަޅާފައިވާ ރިޔާސީ ކެނޑިޑޭޓް ގަބޫލުނުކޮށް، ޕާޓީގެ ސިޔާސަތަކާއި، ޚިލާފަށް އަމަލުކުރައްވާ މެންބަރުންނާއިމެދު ފިޔަވަޅު އެޅުމަށް ނިންމަވާފައިވާކަމަށެވެ. އަދި ކަނޑައެޅިގެން އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕާޓީން ކަނޑައަޅާފައިވާ ނިންމުންތަކާއި، ޚިލާފަށް އަމަލު ކުރައްވަމުންދާ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުއްވުމަށް ނިންމަވާފައިވާކަމަށްވެސް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

އެގޮތުން ޗާގޯސް މައްސަލާގައި އެމްޑީޕީން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދުކޮށް، އެކަމުގައި އެމްޑީޕީގެ ސްޓޭންޑް ނަގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކާއި، ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ މެމްބަރުންނާއިމެދު ފިޔަވަޅު އަޅާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އިބްރާހީމް ވަޙީދު ވަނީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޢާލީ ޢާޒިމްގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް މިކަންކަމުގައި ހަރަކާތްތެރިވާ މެމްބަރުންނާއި، ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް އަމަލުކުރާ މެމްބަރުންގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވަހީދު ވިދާޅުވިއެވެ.

އިބްރާހީމް ވަޙީދު ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ޕާޓީގެ އުސޫލުތަކަށް ޢަމަލު ކުރުމަކީ ކޮންމެ މެންބަރަކަށް ލާޒިމް ކަމެއްކަމަށެވެ. އޭގެ ބޭރުން އަމަލު ނުކުރުމަށް ޕާޓީގެ މެންބަރުންނަށް އޭނާ ގޮވާލެއްވިއެވެ.