ކުޅިވަރު

ބެޓަރ އިން ބާ: އޭދަފުށި ސެމީއަށް، ކިހާދޫ ފެށީ މޮޅަކުން


ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ކިހާދޫން ފެށުން ރަގަޅުކޮށްފިއެވެ.

ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އެޓީމް މޮޅުވީ ކަމަދޫ އާ ބައްދަލުކޮށެވެ. ދެޓީމްގެ ފަރާތުން މޮޅު ކުޅުމަކާ ގިނަ ހަމަލާތަކެއް ފެނުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ކިހާދޫ ޓީމުންނެވެ. އެ ލަނޑު އެޓީމަށްކާމިޔާބުކޮށްދިނީ އަހުމަދު އާހިލް އާމިރުއެވެ.

ދެޓީގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކަމަދޫން ނަތީޖާ ހަމަހަމަކުރީ ލިބުނު ހިލޭޖެހުމަކުން އަބްދުﷲ އަޒީމް ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު ކިހާދޫ މި މެޗުން މޮޅުވި ލަނޑު ޖެހީ މެޗް ނިމެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ހުސެއިން ހަންނާނެވެ.

މީގެ އިތުރުން މި މުބާރާތުގައި އޭދަފުށިން ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ސެމީގެ ޖާގައެއް އެޓީމުން ކަށަވަރު ކުރީ މާޅޮސް ޓީމާ ދެކޮޅަށް ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަހިފަހައްޓައިގެން އޭދަފުށި ކުޅުނު މިމެޗްގައި އެޓީމުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މިހާފްގައެވެ. އެޓީމްގެ ލަނޑުތައް ޖެހީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އުނައިސް ޒުބައިރު އާއި ސާހީ މޫސާގެ އިތުރުން އިސްމާއިލް ޝަރީފްއެވެ.

މި ގްރޫޕްގައި ހިމެނޭ އަނެއް ތިންޓީމަށްވެސް ސެމީގެ ފަހު ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އޭދަފުށްޓާ މާޅޮހުގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އަނެއް ދެޓީމަކީ ގޮއިދޫ އާއި ހިތާދޫއެވެ.