ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގައި ހިތާދޫ ބަލިކޮށް ކެންދޫން ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މި މެޗު ކެންދޫން ކާމިޔާބުކުރީ 2-1 އެވެ.
ކެންދޫ ޓީމުން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމޔާބުކޮށްދިނީ އިފްޝާ ޙަސަނެވެ. މި ލަނޑުތައް ޖަހާފައިވަނީ މެޗްފެށިގެން ހަތަރު މިނެޓުގެ ތެރޭގައެވެ. އޭގެ ފަހުންވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ކެންދޫ ޓީމަށް ވަނީ ލިބިގެން ގޮސްފައެވެ.
ހިތާދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގެ އަށްވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު ޖަހައިދިނީ ނިސްރާ މުޙައްމަދެވެ. މިމެޗުން ހިތާދޫ ބަލިވުމުން އެޓީމް އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. އެއާއެކު ދެވަނަ ބުރަށް ދިއުމަށް ހިތާދޫއަށް ދެން ކުޅޭ މެޗުން މޮޅުވުން މަޖުބޫރެވެ. ފަހު މެޗުގައި ހިތާދޫ ބައްދަލުކުރާނީ ދޮންފަނާއެވެ.
މީގެ އިތުރުން މިމުބާރާތުގައި މާޅޮސް ކުޅުނު ފުރަތަމަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ. ކިހާދޫއާ ދެކޮޅަށް ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 9-0 ގެ ނަތީޖާއަކުންނެވެ.
މާޅޮސް ޓީމްގެ ފަރާތުން މޮޅު ކުޅުމެއްފެނިގެންދިޔަ މި މެޗްގައި އެ ޓީމްގެ ފަރަޙް އާދަމް ހެޓްރިކް ހަދާފައިވާއިރު، ގިސާމަތު މުހައްމަދާއި ސަދާ މުހައްމަދު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައިދީފައެވެ. ދެން އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ ދުންޔާ ރަޝާދު އާއި ސަދުނާ އަބޫބަކުރުއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮސް ޓީމަށް ހެޓްރިކް ހަދައިދިން ފަރަހް އާދަމެވެ.
މާޅޮހާއި ކިހާދޫ ހިމެނޭ މި ގްރޫޕްގައި ދެން ހިމެނެނީ އޭދަފުއްޓާއި ގޮއިދޫއެވެ.