ޚަބަރު

ސޮމާލިޔާގައި ފެންބޮޑުވެ 200,000 މީހުން ހާލުގައި ޖެހިއްޖެ


ސޮމާލިޔާގެ މެދުތެރޭގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 200,000 އަށްވުރެ ގިނަ މީހުން އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ހިރާން ސަރަޙައްދުގައި އޮންނަ ބެލެޑްވޭން ކިޔާ ސަރަޙައްދަކަށެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަޙައްދުގައި އޮންނަ ޝަބެލް ކޯރު ވަނީ ފުރިގެން ބަންޑުންވެފައެވެ.

"ބެލެޑްވޭންގައި ދިރިއުޅޭ 200,000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައި. އެ މީހުން ވަނީ ރެފިއުޖީންނަށް ވެފައި. އެ ރަށް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާ މީހުންގެ ޢަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ބެލެވޭ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މި ދަނީ މަސައްކަތް ކުރަމުން،" ހިރާން ސަރަޙައްދުގެ ގަވަރުނަރުގެ ނައިބު ޢަލީ އުސްމާން ޙުސައިން ވިދާޅުވިއެވެ.

ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އެ ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ތިނަކަށް އަރާފައެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ބެލެޑްވޭންގައި ފެންބޮޑުވެފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ސޮމާލިޔާގެ މެދުތެރޭގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެފައި މި ވަނީ، އެ ޤައުމުގެ އެތަކެއް މިލިޔަން ރައްޔިތުންނެއް ބަނޑިހޫނު ކަން ތަހައްމުލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމަކީ އިރުމަތީ އަދި މެދުތެރޭ އެފްރިކާގެ ގިނަ ޤައުމުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވާ މޫސުމެކެވެ. މި މަހުގެ ކުރީކޮޅު ރުވާންޑާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 135 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފައިބާފައިވެއެވެ. އެ ހާދިސާތަކުގައި 9,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ހުސްވި ހަފުތާގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވަމުންދާ ޤުދުރަތީ ކާރިސާތަކުގެ ނުރައްކާތެރި ކަން ބޮޑުވަމުންދާ ކަމުގައި މޫސުމާ ބެހޭ މާހިރުން ބުނެއެވެ. އަދި، އެ ފަދަ ކާރިސާތަކުގެ ޢަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެފްރިކާގެ ޤައުމުތަކަކީ މޫސުމީ ބަދަލުތަކާއި ދުނިޔެ ހޫނުވުމަށް މަގުފަހިވާ ވިހަ ގޭސްތައް ޖައްވުގެ ތެރެއިން އެންމެ މަދުން ބޭރުކުރާ ޤައުމުތައް ކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް، ޤުދުރަތީ ކާރިސާތަކުގައި އެ ބައްރުގެ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތެރި ކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ.

2020 ވަނަ އަހަރުގެ ވިއްސާރަ މޫސުމުގައި ރުވާންޑާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 65 މީހުން މަރުވިއެވެ. އަދި، ކެންޔާގައި 194 މީހުން މަރުވިއެވެ. 2019 ވަނަ އަހަރުގެ ވިއްސާރަ މޫސުމުގައި އިރުމަތީ އޭޝިޔާގެ އެކި ޤައުމުތަކުން 265 މީހުން މަރުވިއެވެ. އަދި، އެތަކެއް ހާސް ބަޔަކު ގެދޮރު ނެތުނެވެ. އެ އަހަރު އިރުމަތީ އެފްރިކާގެ ޤައުމުތަކުގައި ދިރިއުޅޭ ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެއެވެ. އެ އަހަރު އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ބުރުންޑީ، ޖިބޫޓީ، އިތިއޯޕިޔާ، ކެންޔާ، ސޮމާލިޔާ، ދެކުނު ސޫދާން، ޓެންޒެނިޔާ އަދި ޔުގާންޑާއަށެވެ.