ޚަބަރު

ތަޢުލީމުދޭ މަރުކަޒެއް ބިނާކުރުމަށް އެޗްޑީސީއާއި، އޮމާންގެ ކުންފުންޏަކާ ދެމެދު އެއްބަސްވުމެއް


ހުޅުމާލޭގައި ތަޢުލީމުދޭ މަރުކަޒެއް ޤާއިމުކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި އޮމާންގެ އިންވެސްޓްމަންޓް ކުންފުންޏަކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ އޮމާންގެ އިންވެސްޓްމަންޓް ކުންފުންޏެއްކަމަށްވާ އަލް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

މި އެއްބަސްވުމުގެދަށުން ތަޢުލީމުދޭ މަރުކަޒެއް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1ގައި ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. އެޗްޑީީސީން ވިދާޅުވީ މި އެއްބަސްވުމަކީ ދެ ކުންފުނި ގުޅިގެން ހުޅުމާލޭގައި ތަޢުލީމުދޭ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވެފައިވާ އެއްބަސްވުމެއްކަމަށެވެ. ނަމަވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނީ ތަޢުލީމާއި ގުޅުންހުރި ކޮން ޚިދުމަތެއްދޭ މަރުކަޒެއްކަމެއް ކަނޑައަޅާފައި ނުވާކަމަށް އެޗްޑީސީން ބުންޏެވެ. އެކުންފުނިން ބުނީ ފައިނަލް އެކަމާއި ގުޅުންހުރި މަސައްކަތްތައް މިވަގުތު ކުރިއަށްދާކަމަށެވެ.

ހުޅުމާލޭގައި ތަޢުލީމުދޭ މަރުކަޒެއް ޤާއިމުކުރުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އާޠިފެވެ. އަދި އަލް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަޙްސަނެވެ.

ހުޅުމާލޭގައި ހަލުވިކަމާއެކު އިތުރުވަމުން އަންނަ އާބީދީއަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށް އެޗްޑީސީއާއި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން މިހާރުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ކުވައިތު ފަންޑުގެ އެހީގައި ސްކޫލެއް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ކުވެއިތުގެ އަލްޖެރީ ހޯލްޑިންގްސް ގްރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރަނީ ޕްރައިވެޓް ސްކޫލެކެވެ.

"އަޖިއަލް ބައިލިންގުއަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލަކީ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމާއި، ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.