ޚަބަރު

ގއ. ހޮސްޕިޓަލުގެ އައު އޯޕީޑީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


ގއ. އަތޮޅު ހޮސްޕިޓަލުގެ އައު އޯޕީޑީ ހެދުމުގެ މަސައްކަތް، ސަމާލު ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވައިފިއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރައްވާފައިވަނީ 4.4 މިލިޔަން ރުފިޔާއަށެވެ.

ގއ. އަތޮޅު ވިލިގިނލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަކީ ރަށުގެ ރައްޔިތުންގެ އިތުރުން، އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންވެސް ބާރޯސާވާ ހޮސްޕިޓަލެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުންނެއް ޚިދުމަތް ހޯދަމުން އަންނަ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. މިވަގުތު އެ ހޮސްޕިޓަލްއަކީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއްނަމަވެސް ސަރުކާރުން ވަނީ އެ ހޮސްޕިޓަލަށް ޖާގައި އިތުރުކުރުމަށް ނިންމަވާފައެވެ. ސަރުކާރުން ނިންމާފައިވަނީ އެރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ.

ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ އިތުރަށް ސަރުކާރުން މިހާރު ވަނީ އެ ހޮސްޕިޓަލްގެ އައު އޯޕީޑީއެއް ހެދުމަށް ސަމާލު ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމަމުން އެ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސަސް ޝާފިޒް މޫސާ ވިދާޅުވީ އައު އޯޕިޑީއެއް ހެދުމަށް ނިންމަވާފައިވަނީ މިހާރު ބޭނުންކުރަމުންދާ އޯޕީޑީގެ ޖާގަކުޑަވެ ބަލިމީހުން ބަލާ ކޮޓަރިތައްވެސް މަދުވުމުގެ ސަބަބުންކަމަށެވެ. ޝާފިޒް ވިދާޅުވީ މިވަގުތު ޑޮކްޓަރުން ބައްލަވަމުން ގެންދަވަނީ 6 ރޫމްއެއްގައި ކަމަށެވެ. ނަމަވެސް ސްޕެޝިއަލިސްޓް ޑޮކްޓަރުން ގިނަވެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާތީ އިތުރު ޖާގަ ބޭނުންވާކަމަށެވެ. އަދި އައު އޯޕީޑީއާއެކު ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ޝާފިޒް ވިދާޅުވިއެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ލެވެލް 2 ގެ ހޮސްޕިޓަލަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އަންހެނުންގެ ބަލިތަކަށް ފަރުވާ ދިނުމާއި، ލޮލުގެ ބަލިތަކަށް ފަރުވާދިނުމާއި، ރޭޑިއޮލޮޖީ ޚިދުމަތްފަދަ ޚިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.

ހެލްތް މިނިސްޓްރީން މިއަދު ވަނީ ގއ. އަތޮޅު ހޮސްޕިޓަލްގެ އައު އޯޕީޑީ ޢިމާރާތްކުރުމުގެ މަސައްކަތުގެ އިތުރަށް، ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ ހަވާލުކުރައްވާފައެވެ. އެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 7 ލައްކައަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.