މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ކަނޑައެޅުއްވި އަމާޒަކީ 1.63 މިލިއަން ފަތުރުވެރިން ގެނައުމާއެކު 10.4 މިލިއަން ބެޑްނައިޓްސް ހަމަކުރުމެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން ކަނޑައެޅުއްވި އަންދާޒާއަށްވުރެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަދަދާއި އެމީހުން ރާއްޖޭގައި ހޭދަކުރި މުއްދަތު ދައްކުވައިދޭ ބެޑްނައިޓްސްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 1.67 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ބެޑްނައިޓްސް ވަނީ 12.3 މިލިއަނަށް އަރާފައެވެ.
ކޯވިޑްގެ ސަބަބުން މަޑުޖެހިފައި އޮތް ފަތުރުވެރިކަމަށް ލަފާކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް ލިބުނީ ކޯވިޑްގެ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގި ޤައުމީ ވެކްސިން ޕްރޮގްރާމްގެ ސަބަބުންނާއި ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ހުޅުވައި، ދަތުރުފަތުކުރުމަށް އޮތް ހިފެހެއްޓުންތަކަށް ލުއިދިނުމުންނެވެ. މިގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވުމާއި، ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވެ، ފަތުރުވެރިކަމަށް އޮންނަ ޑިމްނާޑް އިތުރުވުމަކީވެސް ރާއްޖޭގެ އިޤްތިޞާދު އެ ސިނާއަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ކުރިއަރަމުންދިޔަ ދުވެލި ހަލުއިވެ، ކޯވިޑްގެ ކުރިން ފަތުރުވެރިކަން އޮތް ހިސާބަށް ގެންދެވުނު ސަބަބެކެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރަސްމީ މާލީ އިދާރާތަކުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މެކްރޯއިކޮނޮމިކް އަޕްޑޭޓް ރިޕޯޓްގައި ބުނާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމުކަމަށްވާ ރަޝިޔާއާއި ޔޫކްރެއިނުން މިދިޔަ އަހަރު ފެށި ހަނގުރާމައާއި، އިޤްތިޞާދަށް ކުރިމަތިވަމުންދިޔަ އެހެން ދަތިތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުތަކެއް ކުރާނެކަމަށް ބެލެވުނެވެ. ނަމަވެސް ފަތުރުވެރިކަން މަޑުޖެހިދާނެފަދަ ހިރާސްތަކާއެކުވެސް ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26.7 އިތުރުވުމުގެ އިތުރުން، ކޯވިޑްގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނަމުންދިޔަ އަދަދުތަކާއި ގާތްގަނޑަކަށް އެއްވަރުވެފައެވެ. މިއީ ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓް އެކުލަވާލިއިރު ރާއްޖެ އަންނާނެކަމަށް އަންދާޒާކުރި ފަތުރުވެރިންގެ އަދަދަށްވުރެ 2.5 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް މަގުފަހިވި ކަންކަމުގެ ތެރޭގައި، ކޯވިޑާއި ގުޅިގެން މަޑުޖެހުނު ދުނިޔޭގެ އިޤްތިޞާދު އަލުން އިއާދަވަމުންދިޔަ ދުވެލި ހަލުއިވުން ހިމެނެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަމުންދިޔަ އެވްރެޖް މުއްދަތު 7.3 ދުވަހަށް އިތުރުވެ، ލަފާކުރިވަރަށްވުރެ ބެޑްނައިޓްސް 3.3 އިންސައްތަ އިތުރުވުމަކީވެސް ފަތުރުވެރިކަމަށް ކުރިއެރުން ލިބުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއެކު، އިޤްތިޞާދާއި މާލީ ކަންކަމާބެހޭ ދައުލަތުގެ އިދާރާތަކުން މިހާރު ވަނީ ކުރިން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ބޮޑު ކުރިއެރުމެއް މިއަހަރު ފަތުރުވެރިކަމަށް ލިބޭނެކަމަށް މިހާރު ލަފާކޮށްފައެވެ.
މާލީ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި ކޯވިޑްގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށްވުރެ މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެ ފަތުރުވެރިންގެ އަދަދުވެސް އަދި ބެޑްނައިޓްސްވެސް އިތުރުވާނެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް 523928 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 8.5 އިންސައްތަ އިތުރު، އަދި މިދިޔަ އަހަރާއި އަޅާބަލާއިރު 21.4 އިންސައްތަ އިތުރު އަދަދެކެވެ. މީގެއިތުރުން ފުރަތަމަ ކުއާޓަރުގައި އެވްރެޖްކޮށް ދުވާލަކު 5821.4 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ ކޯވިޑްގެ ކުރިން ދުވާލަކަށް އަންނަމުންދިޔަ ފަތުރުވެރިންގެ އެވްރެޖް އަދަދާއި އަޅާބަލާއިރު 8.5 އިންސައްތަ އިތުރު އަދަދެކެވެ.
ފުރަތަމަ ކުއާޓަރުގައި ބެޑްނައިޓްސް 3.9 މިލިއަނަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 14.9 އިންސައްތަ އިތުރު، އަދި ކޯވިޑްގެ ކުރިއާ އަޅާބަލާއިރު 28.8 އިންސައްތަ އިތުރު އަދަދެކެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދުގެ އެވްރެޖްކޮށް 7.2 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ ކޯވިޑްގެ ކުރިން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަމުންދިޔަ 6.3 ދުވަހާއި އަޅާބަލާއިރުވެސް އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުންތަކާއެކު އަހަރުގެ ބާކީ އޮތް ބައިގައި އެ ސިނާތުން ހޯދާނެ ކުރިއެރުންތަކާއިމެދު ސަރުކާރުން ކުރާ އުއްމީދުތައް ވަރަށް ބޮޑެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަކީ، ބޭރުން ނުވަތަ އެތެރެއިން ކުރިމަތިވާކަމެއްގެ ސަބަބުން ނުރައްކަލަށް ހުށަހެޅުމުގެ ބިރު އޮތް ސިނާއަތަކަށްވާތީ، ސަރުކާރުން އަންދާޒާތައް ތައްޔާރުކުރައްވަނީ ތަފާތު 3 ހާލަތެއް ކުރިމަތިވެދާނެކަމަށް ބައްލަވައިގެނެވެ.
އެއީ ހުރިހާކަމެއް އުއްމީދުކުރާގޮތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ކުރިއަށްދާނެކަމަށް ލަފާކުރާ އޮމްޓިމިސްޓިކް ސިނާރިއޯއާއި ގެއްލުންތަކެއް ލިބޭނެކަމަށް ލަފާކޮށްގެން ތައްޔާރުވާ ޕެސިމިސްޓިކް ސިނާރިއޯ އަދި މާބޮޑު ކުރިއެރުމެއް އަދި މާބޮޑު ގެއްލުމެއް ނެތި، އާދައިގެ ވަރަކަށް ކަންކަން ކުރިއަށްދާނެކަމަށް ލަފާކޮށް ތައްޔާރުކުރާ މޮޑަރޭޓް ސިނާރިއޯގެ އަންދާޒާތަކެކެވެ.
ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން ލަފާކުރައްވާ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކޯވިޑްކުރިން ހުރި ހިސާބަށް ދާނެއެވެ. އަދި އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށާއި މީގެއިތުރުން އައު މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށްވެސް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ރިޔާއަތްކޮށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.
ސަރުކާރުން ލަފާކުރައްވާފައިވާ ގޮތަށް ޗައިނާ ފްލައިޓްތައް އިތުރުނުކުރެވިއްޖެނަމަ ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަންދާޒާ ކުރިވަރަށްވުރެ ދަށަށްދާނެއެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ހާލަތު ގޯސްވުމާއި، މާލީ އިދާރާތަކުން ލަފާކޮށްފައިވާ ގޮތަށް ބޮޑެތި އިޤްތިޞާދުތަކުގެ ކުރިއެރުން މަޑުޖެހިއްޖެނަމަ ފަތުރުވެރިންގެ އަދަދަށް އުއްމީދުކުރާވަރުގެ ބޮޑު ކުރިއެރުމެއް ނުލިބޭނެއެވެ.
މާލީ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ބައެއް ހިރާސްތައް ހުރިނަމަވެސް، މޮޑަރޭޓް ސިނާރިއޯގައި މިހާރުވެސް ކުރިއަށްދާގޮތަށް މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެ ކުރިއަށްދާނަމަ ރާއްޖޭގެ ފަތުރުވެރިކަން 15.2 އިންސައްތަ ކުރިއަރާނެއެވެ. އަދި ބެޑްނައިޓްސް 12 މިލިއަނަށް އަރާނެއެވެ. އޭގެ މާނައަކީ ރާއްޖެއިން މިއަހަރު ފަތުރުވެރިކަމަށް ކަނޑައެޅި 1.8 މިލިއަން ފަތުތުވެރިންގެ އަމާޒުވެސް ހުރަސްކޮށް، 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުންކަމަށް ދައުލަތުގެ ވުޒާރާތަކާއި ސެންޓްރަލް ބޭންކުގެ ހިސާބުތަކާއި މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދަށް ޖުމްލަ ގޮތެއްގައި ބަލާލައި، ތައްޔާރުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން މިހާރު ތަރައްޤީކުރަމުންދާ ރިސޯޓްތަކާއި، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތްދެވޭގޮތަށް ތައްޔާރުކޮށްފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލާއި، އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް އަދި އެންމެ ދެކުނުން ގަން އެއަރޕޯޓް މީގެ 2 އަހަރުފަހުން 2025 ވަނަ އަހަރު ތަރައްޤީކޮށް ނިމުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 16 އިންސައްތަ މައްޗަށް ގޮސް، އަހަރަކު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށްވެސް މިހާރު ވަނީ ލަފާކޮށްފައެވެ.