އެމެރިކާގެ މާސް މީޑިއާ ކުންފުނި ވޯލްޓް ޑިޒްނީގެ ފްލެގްޝިޕް ސްޓްރީމިން ހިދުމަތުން އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 4 މިލިއަން ސަބްސްކްރައިބަރުން މަދުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސަބްސްކްރައިބަރުން މަދުވެފައި މިވަނީ ކުންފުނީގެ ހަދަރުކުޑަކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިއާއިއެކު ޑިޒްނީ ޕްލަސް ޕްލެޓްފޯމުން ވަނީ ކުންފުންޏަށް ލިބުނު ގެއްލުން 400 މިލިއަން އެމެރިކާ ޑޮލަރަށް ކުޑަކޮށްފައެވެ.
މިކީ މައުސް، ސްޓާ ވޯސް ފްރެންޗައިޒް އަދި މާވެލް ފިލްމުތައް ވެސް އުފައްދާ ޑިޒްނީގެ ފިލްމާއި ޓީވީ މާކެޓް ކުޑަވަމުންދާއިރު ސްޓްރީމިން ވިޔަފާރި ފައިދާހުރި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކުންފުންޏަށް އޮތް ޕްރެޝަރު ބޮޑެވެ.
ސަބްސްކްރައިބަރުން ބޮޑަށް މަދުވެފައި ވަނީ މިދިޔަ އަހަރު އިންޑިއާގެ ކްރިކެޓް މެޗުތަކުގެ ސްޓްރީމިން ރައިޓްސް ގެއްލިފައިވާ އޭޝިއާގައި ހިންގާ ހޮޓްސްޓާ ސާވިސް އިންނެވެ. މީގެއިތުރުން ކެނެޑާ އަދި އެމެރިކާގައި ސަބްސްރިޕްޝަން ފީގެ އަގު ބޮޑުކުރުމުންވެސް ގިނަ ސަބްސްކްރައިބަރުން ވަނީ ގެއްލިފައެވެ.
ސަބްސްކްރައިބަރުންގެ އަދަދު ދަށްވެފައިވާކަމަށް ފުރަތަމަ ފަހަރަށް ޑިޒްނީއިން އިއުލާނުކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އޭގެފަހުން 7000 މުވައްޒަފުން ކުންފުނިން މަދުކުރަން ނިންމާފައިވާ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.
ޑިޒްނީގެ ސަބްސްކްރައިބަރުން މަދުވިނަމަވެސް ސްޓްރީމިން ވިޔަފާރިން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އޮޕަރޭޓިން ގެއްލުން 659 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ ދަށްކޮށްފައެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު 1.1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށް އަދަދެކެވެ.
ޑިޒްނީގެ ޗީފް އެގްޒެކެޓިވް ބޮބް އައިގަރ ވިދާޅުވި ގޮތުގައި މާލީ ނަތީޖާ ރަނގަޅުވުމަކީ ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީއަށް ޑިޒްނީ އަލުން ގެނައުމަށް މުޅި ކުންފުންޏަށް ގެންނަމުން އަންނަ ސްޓްރެޓެޖިކް ބަދަލުތައް ދައްކުވައިދޭ ކަމެއްކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ސްޓްރީމިން ޕްލެޓްފޯމްތަކަށް އެތައް ބިލިއަން ޑޮލަރެއް ޑިޒްނީ އިން ވަނީ ހޭދަކޮށްފައެވެ. މިހާރު އެ ކުންފުނީގެ ތިން ސްޓްރީމިން ޕްލެޓްފޯމަށް ޖުމްލަ 231 މިލިއަނަށްވުރެ ގިނަ ސަބްސްކްރިޕްޝަން ލިބިފައިވާއިރު، އޭގެތެރޭގައި ކުޅިވަރަށް ފޯކަސްކުރާ އީއެސްޕީއެން ޕްލަސް އާއި މުނިފޫހިފިލުވުމުގެ ސައިޓް ހުލޫވެސް ހިމެނެއެވެ.
ޑިޒްނީ ޕްލަސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 158 މިލިއަނާއި ގާތްކުރާ އަދަދަކަށް ސަބްސްކްރައިބަރުން ލިބިފައިވީނަމަވެސް، ޑިޒްނީ އަދިވެސް އޮތީ ވާދަވެރި ނެޓްފްލިކްސްއަށްވުރެ ފަހަތުގައެވެ. ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު ވަނީ 232.5 މިލިއަނަށް އަރާފައެވެ.