ސިއްހަތު

ރާބް ސާރވޭ ގައި މިހާތަނަށް 1000އަށް ވުރެ ގިނަ މީހުން ސާރވޭކޮށްފި


ރާއްޖޭގެ އާބާދީގެ، ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަމާޒުކުރައްވައިގެން ލޮލުގެ މައްސަލަތައް ހުރިނެތް ގޮތް ބެއްލެވުމަށް ކުރައްވާ ސާރވޭގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ މީހުންގެ ސްކްރީން ކުރައްވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާބް ނުވަތަ "ރެޕިޑް އެސެސްމަންޓް އޮފް އެވޮއިޑަބަލް ބްލައިންޑްނެސް" ސާރވޭ ކުރިއަށް ގެންދަވަނީ މާލެއާއި އަތޮޅުތެރޭގެ 40 ރަށެއްގައެވެ.

ހެލްތް މިނިސްޓްރީން މިދިޔަ މަހުގެ 13 ގައި ފެށި ސަރވޭ ގައި ޖުމްލަ 3100 މީހުން ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭ އަށް ހޮވިފައިވާ 62 ކްލަސްޓަރ ގެ ތެރެއިން މިހާތަނަށް އުތުރުގެ އަތޮޅުތަކުން 15 ކްލަސްޓަރ އަދި މާލެއިން 7 ކްލަސްޓަރ ނިމި 1120 މީހުން ސާރވޭ ކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މިސާރވޭ ކުރައްވަން ހަމަޖެހިފައިވަނީ ލޮލުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ޓީމެއް ގޭގެއަށް ޒިޔާރަތްކޮށްގެންނާއި، އަދި ކަނޑައެޅޭ ވަކި މަރުކަޒެއްގައި ލޮލުގެ ޓެސްޓްތަކެއް ހައްދަވައިގެންނާއި، ކުރެވޭ ސުވާލުތަކަކުން އެއްކުރައްވާ މަޢުލޫމާތު ހިމެނޭގޮތުންނެވެ.

މިސާރވޭއާއެކު ރާއްޖޭގައި ލޮލުގެ މައްސަލަތައް ހުރި ޢަދަދާއި، ލޮލުގެ ބަލިތަކާބެހޭ މުހިންމު މަޢުލޫމާތުތަކާއި، ލޮލުގެ ބަލިތަކާބެހޭ ޚިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެވޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ސާރވޭއިން ލިބޭ މަޢުލުމާތުގެ އަލީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭ ދާއިރާތައދެނެގަނެވިގެންދާނެކަމަށެވެ. ރާއްޖޭގައި ލޮލުގެ ބަލިތަކާ ބެހޭގޮތުން މިހާތަނަށް ލިބިފައިވަނީ ޑޮކްޓަރަށް ދައްކާ މީހުންނާއި، ލޮލުގެ ސާރޖަރީތައް ހެދިފައިވާ މީހުންގެ ތަފާސް ހިސާބު އެކަންޏެވެ. މިތަފާސް ހިސާބުތަކުން އާބާދީގެ ނިސްބަތުން ލޮލުގެ ބަލިތައް ދެނެނުގަނެވެއެވެ.

ލޮލުގެ ހާލަތު ދެނެގަތުމުގެ މިފަދަ ސާރވޭތައް ކޮށްއުޅެނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން ރާއްޖޭގައިވެސް މިސާރވޭ ކޮށްފައިވަނީ 50 އަހަރުން މަތީގެ މީހުންނަށް އަމާޒުކުރައްވައިގެންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މި ސާރވޭ އަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންވައިރަންމެންޓަލް އެންޑް އޮކިއުޕޭޝަނަލް ހެލްތު ސެކްޝަންގެ ފަންނީ އެހީގެ ދަށުން ކުރިއަށްދާ ސާރވޭއެކެވެ.

ލޮލުގެ ބަލިތައް މަދުކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން އަމާޒުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް ލޮލުގެ ޞިއްޙަތާ ގުޅޭ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް ބޭސްލައިން ސްޓަޑީއެއް ހެދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.