ޚަބަރު

މެންބަރު ޒަރީރަށް ޙަމަލާދިން މައްސަލާގައި 2 މީހަކު ހައްޔަރުކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ މެންބަރު ޒަރީރަށް ޙަމަލާދިން މައްސަލައާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރައްވާފައިވާ ކަމަށެވެ. އެއީ 21 އަހަރުގެ މީހަކާ 22 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައްސަލަ ތަޙްޤީޤްކުރައްވަމުން އަންނަކަމަވެސް ފުލުހުން ވިދާޅުވިއެވެ.

މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުގެ ރޭ ކެފޭއެއްގެ އިންނަވަނިކޮށެވެ. މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޙަމަލާދިނީ ކޮން އެއްޗަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ޙަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.