ކުޅިވަރު

މެލޭޝިޔާ މުބާރަތުގެ 2ވަނަ މެޗް ރާއްޖެ ކާމިޔާބުކޮށްފ


މެލޭޝިޔާ އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފިއެވެ. 

މިހާރު މެލޭޝިޔާގައި ކުރިއަށްދާ އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ގައުމީ ވޮލީ ޓީމް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ އިންޑަސްޓްރިއަލް ކޮންކްރީޓް ޕްރޮޑަކްޓްސް ޓީމްއާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. މުބާރާތުގައި ރާއްޖޭގެ ޓީމް ކުޅުނު ފުރަތަމަ މެޗުން އިއްޔަ ބަލިވިނަމަވެސް މިއަދު ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. 

މިމެޗްގެ ސެޓްތަށް ގައުމީ ވޮލީ ޓިމް ގެންދިޔައީ 27-25، 19-25، 25-18 އަދި 25-22ހުންނެވެ. މިމެޗްގައި ދެވަނަ ސެޓްގެ ފަހުކޮޅުއާ ތިންވަނަ ސެޓްގެ ކުރީކޮޅުގައި ބައެއް ލައިޓްތަކުން ކަރަންޓް ދިއުމުގެ ސަަބުބުން މެޗްވަނީ ފަސްވަރަކަށް މިނެޓްއަށް މެދުކަނޑާލާފައެވެ. މިމެޗްގެ ކޮންމެ ސެޓެއްގެ ކުރީކޮޅުގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ކޮންމެ ސެޓެއްގައިވެސް ސާވިސް މިސްވެގެން ޕޮއިންޓްތަކެއް ގެންލިގެންދިޔަކަން ފާހަގަކޮށްލެވުނެވެ. 

އިއްޔަގެ މެޗާ ހިލާފަށް ކޯޗް މިއަދު ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފައިވެއެވެ. މެޗަށްފަހު ގައުމީ ވޮލީ ޓީމްގެ ކޯޗް ސުންޓޮން ފޮސީޓާ ބުނީ ފުރަތަމަ މެޗްގައި ޓީމް ބަލިވީ ދިގު ދަތުރަކަށްފަހު، މެޗް ކުޅެން ޖެހުމުންކަމަށެވެ. ނަމަވެސް ރަނގަޅަށް ރެސްޓްކުރުމުގެ ސަބަބުން މިއަދުގެ މެޗްގައި ވަރުބަލިކަން ފެނިގެން ނުދާކަމަށް ކޯޗް ބުންޏެވެ. ކޯޗްބުނީ މިއަދު ކުޅުމާ މެދު ހިންހަމަޖެހޭކަމަށާ ނަމަވެސް މިއަށްވުރެއްވެސް މޮޅަށް ގައުމީ ޓީމަށް ކުޅެވޭނެކަމަށެވެ. 

"މިއަދުގެ މެޗްގައި ވަރަށް މޮޅަށް ޓީމް ކުޅުނު، ނަމަވެސް ބައެއް ސާވިސްގައި ވަރަށް މައްސަލަ އެބަހުރި، ޓީމްގެ ވަރުބަލިކަން ފިލާ ޓީމް މިހާރުވަނީ ވަރަށް ފިޓްވެފަ. މިއަދުގެ މެޗްގައި ޓީމްގެ ފަރާތުން ފެނުނު ކުޅުމަކީ ވަރުބަލިކަން ފިލާ ދިއުމުގެ ސަބަބުން ފެނުނު ކުޅުމެއް، އަދި މިއަށް ވުރެއްވެސް ކުރިއަށްހުރި މެޗްތަކުގައި ރަގަނޅުވާނެ، ރަނގަޅު ކުރަންޖެހޭ ކަންތަށްތަށް ބަލާ ކުރިއަށް ހުރި މެޗްތަކުގައި އެކަން ރަގަނޅު ކުރާނަން."

މިމުބާތުގެ ތިންވަނަ މެޗުގައި ރާއްޖެ މިއަދު އިރުއޮއްސޭއިރު ނިކުންނާނީ އެމް.ބީ.އެސް.އޭ މެލޭޝިޔާގެ ގައުމީ ޓީމާ ދެކޮޅަށެވެ.