ގެއްލުނު ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ދެ މީހުން ލޯންޗަކަށް ނަގާފައިވާކަމަށާއި، މީހުންގެ ހާލު ރަނގަޅުކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔަ "ޖަންބޯ" ދޯންޏަކީ، ކ.ގާފަރުން މުދާ ބަރުކޮށްގެން ބ.ދަރަވަންދުއަށް ދަތުރުކުރި ދޯންޏެކެވެ. އެ ދޯނި ގާފަރަށް ދިޔައީ، މާލެއިން މުދާ އަރުވައިގެންނެވެ.
ދޯނިން ދަތުރުކުރި މީހުން ސަލާމަތްކުރި ނަމަވެސް، ދޯންޏާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން ޙިއްސާކޮށްފައެއް ނުވެއެވެ.
މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6:03 ހާއިރުއެވެ.
ދޯނީ ޚަބަރެއް އެންމެ ފަހުން ވީ، އިއްޔެ މެންދުރު ކުރި 11:35 ހާއިރުއެވެ. މެންދުރު 13:30ހާއިރު، އެ ދޯންޏާ ވައްތަރު ދޯންޏެއް ކާށިދޫ ހުޅަނގުން ފެނުނުކަމަށް ރިޕޯޓްލިބުނުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
"ޖަންބޯ" ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ މުދާ އުފުލާ ދޯންޏެކެވެ.