ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅަނީ ރައްޔިތުންނަށް އޮޅުވާލަން: މިއުވާން


ޗާގޯސްގެ މައްސަލައިގައި ސަރުކާރުން އަމަލުކުރެއްވި ގޮތާއި ގުޅިގެން ސުވާލު އުފައްދައި، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަން އުޅުއްވާ ބޭފުޅުންނަށް އޮތީ ކިތައް ވޯޓަކުންވެސް ސާފުނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެނެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަޒީރާތަކާއި ރާއްޖެއާ ދެެމެދު އޮތް ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނެވެ.

މަޖިލީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ ބަންޑާރަ ނާއިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓުވެސް ވައްދާނެކަމަށެވެ. މި ޕްރެސްގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް، ޕީއެންސީގެ މެމްބަރުންނާއި، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަވްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން މިއުވާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ އިސްވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކަމަށެވެ.

މިއުވާން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅަން އުޅެނީ ކާމިޔާބު ވާނެކަމަށް ބަލައިގެން ނޫންކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓެއް ކާމިޔާބު ވާނެކަމުގެ އުންމީދެއްވެސް އެބޭފުޅުންގެ ނެތްކަމަށް މިއުވާން ވިދާޅުވިއެވެ.

"ނަންބަރުތަކާއި ގުޅޭގޮތުން އެބޭފުޅުން އަމިއްލަ ކޮންފިޑެންސްވެސް ނެތިގެން އުޅުއްވިތަން އަޅުގަނޑަށް ހަމަ ގައިމުވެސް ފެނުނީ. އެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާއިވެސް ސުވާލުކުރާތަންފެނޭ، ސޮއިކުރެއްވި ބޭފުޅުންގެ އަދަދުވެސް ސާފެއްނުވޭ، އެދަދަށް ވޯޓު ހަމަވެދާނެކަމަށް ލަފާކުރައްވައިގެން އެއުޅުއްވަނީ." މިއުވާން ވިދާޅުވިއެވެ.

ޗާގޯސް މައްސަލާގައި މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން އުޅޭކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން މިއުވާން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ނޫޅޭކަމަށާއި އެހެން ޤައުމަކާއި ފުށޫ އަރާ ކަނޑުގެ ސަރަހައްދަކުން ރާއްޖެއަށް ބޮޑުބައެއް ލިބުނީކަމަށެވެ.

މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ރައީސަށް ފޮނުވި ސިޓީފުޅާއި ގުޅޭގޮތުން އުފައްދަމުންދާ ސުވާލުތަކާއި ގުޅިގެން މިއުވާން ވިދާޅުވީ އެ ސިޓީފުޅާއި އިޓްލޮސްގެ ނިންމުމާއި އޮތީ ކޮންމެ ގުޅުމެއްކަމެއް އިދިކޮޅު ފަރާތްތަކުން ވިދާޅުނުވާކަމަށެވެ. އަދި އެ ސިޓީފުޅާއި ގުޅޭގޮތުން ދައްކަނީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސްގެ ސިޓީފުޅަކީ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައަށް ނުފޫޒު ފޯރުވަން ފޮނުވި ސިޓީފުޅެއްކަމަށް ބުނާއިރު، އެ ސިޓީ ފޮނުވިކަމަށް ބުނާ ތާރީހުގެ ކުރިން ރާއްޖެއިންވެސް އަދި މޮރިޝަސްއިންވެސް އިޓްލޮސްއަށް ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް އޮތީ ހުށަހަޅާ ނިމިފައިކަމަށެވެ. އެހެންކަމުން މިވާހަކަ ދައްކަވާ ބޭފުޅުން މަސައްކަތްކުރައްވަނީ ސިޔާސީ މަންފާއެއް ހާސިލް ކުރެއްވުމަށްކަމަށްވެސް މިއުވާން ތުހުމަތުކުރެއްވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.