ޚަބަރު

އާބިދާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް


ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މ.އެންދެރިމާގޭ ޢާބިދާ އަޙްމަދުގެ ހަނދާނުގައި ދަފްތަރެއް ހުޅުވުމަށް ފޮރިން މިނިސްޓްރީން ނިންމަވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިދަފްތަރު އަންނަ އާދީއްތަ ދުވަހުން ފެށިގެން، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ފޮރިން މިނިސްޓްރީގެ އަލްއަމީރު ޙަސަން ފަރީދު މާލަމުގައި (ގްރައުންޑް ފްލޯ) ހުޅުވާފައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އާބިދާ އަޙްމަދުވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. 1978 ވަނަ އަހަރު އެންމެ ފުރަތަމަ ވަޒީފައަށް ނުކުންނެވީ މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިންނެވެ. 4 އަހަރަށްފަހު މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއަށް ބަދަލުވިއެވެ. އެއަށްފަހު 1985 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ވެންނެވުމަށްފަހުވީ މުއްދަތުގެ ތެރޭގައި ޢާބިދާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމިނިސްޓްރީގައެވެ. އެގޮތުން ޢާބިދާ ފޮރިން މިނިސްޓްރީގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، 2 ނަންބަރު ކާތިބާ ކަމުގެ އިތުރުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޑެސްކް އޮފިސަރ ކަމާއި، ޑެސްކް އޮފިސަރ ކަމާއި، ސީނިއަރ ޑެސްކް އޮފިސަރުކަން ހިމެނެއެވެ.

ޢާބިދާ ނިޔާވުމާއި ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ ވަކިވެގެން ދިޔައީ ރާއްޖޭގެ ޚާރިޖީ ޓީމުގެ މުހިއްމު ތަނބެއްކަމަށެވެ. އަދި ޢާބިދާގެ ހަނދާން ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ފިލައިގެން ނުދާނެ ކަމަށް ފޮރިން މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ޢާބިދާއަކީ ޚާރިޖިއްޔާއާއި އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވާ ޚާރިޖީ ޚިދުމަތުގެ ތާރީޚު މިހާރުގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޢާބިދާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުންވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމް ޢާބިދާއަށް ދެއްވާފައެވެ. އާބިދާ ނިޔާވިއިރު ޢުމުރުފުޅަކީ 66 އަހަރެވެ.