ޚަބަރު

ޑަބްލިއުޑީސީ ބައި-އިލެކްޝަންތަކުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި


އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު މިއަހަރު ބާއްވާ ބައި އިލެކްޝަންސްތަކުގެ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ.

ނަމަވެސް އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ޤާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބުތައް ބާއްވަމުން ދާނެއެވެ. ޤާނޫނަށް ގެނައި އިސްލާހާއެކު މިއަހަރު ބާއްވާ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންސްތައް ބާއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު 10 ރަށެއްގެ ބައި އިލެކްޝަންސް ބޭއްވުމަށް އިލެކްޝަނުން ތާވަލް ކުރިއެވެ. ނަމަވެސް 4 ރަށެއްގެ ކޮމެޓީތަކަށް އެންމެ މެމްބަރަކު ކުރިމަތިލުމުން ވޯޓަކާއި ނުލައި އެމެމްބަރުން ވަނީ އިންތިޚާބު ވެފައެވެ.

ޖޫން 17ގައި ބައި އިލެކްޝަންތައް އޮންނަ ރަށްތައް:

* ތ.ގާދިއްފުށީ
* ގދ.ހޯޑެއްދޫ
* ލ.މާމެންދޫ
* ކ.ދިއްފުށި
* މ.ވޭވަށު
* ހދ.ފިނޭ

އިލެކްޝަންސް ކޮމިޝަންސް ވިދާޅުވީ މިރަށްތަކުގައި ވޯޓުލާ މީހުންނަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 13 މެއި 2023ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މިއިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެ ކޮމިޝަނުގެ މައި އިދާރާއަށެވެ.

ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކުރައްވާފައިވެއެވެ.