ޚަބަރު

ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުއްވައިލައްވައިފި


ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށްކަމަށެވެ. އަދި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލްގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ 100 އިންސައްތަ ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުނިތަކަށް އެކަނިކަމަށެވެ. އަދި ޢުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާޢީ ކުށެއްގައި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށާއި، އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ. މި އުސޫލްގައިވާ ގޮތުން ޢުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްޞަ ބޭންކް އެކައުންޓެއް ހުޅުވަންވެސް ވަނީ ލާޒިމްކޮށްފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޢުމްރާއަށް މީހުން ގެންދިޔުމަށް 43 ކުންފުންޏަކަށް ވަނީ ހުއްދަ ދީފައިވެއެވެ. މީގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހަށް ހަމަވެއެވެ. އަދި 12 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިއަހަރުގެ ނޮވެމްބަރު މަހަށް ހަމަވާއިރު، 7 ކުންފުންޏަކަށް ދެއްވައިފައިވާ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ ތެރޭގައި ހަމަވާނެއެވެ.