ޚަބަރު

60 ރަށެއްގައި ލޭއެޅުމުގެ ޚިދުމަތާއެކު، ލޭއަޅަން މާލެއަށް ދަތުރުކުރުން ނިމުމަކަށް


ތެލަސީމިއާ ކުދިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނަމަވެސް ލޭއެޅުމުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ނުލިބެއެވެ. މިއީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

ތެލަސީމިއާ ކުދިންގެ ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތަކީ އެ ކުދިންނަށް ބޭނުންވާ ލޭ، ރައްކާތެރިކަމާއެކު އެޅޭނެ އިންތިޒާމު ހަމަޖެހުމެވެ. އެގޮތުން އަމިއްލަ ދަރިންގެ ފުރާނަ ސަލާމަތްކުރުމަށް އެތައް މަޔަކާއި ބަފަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް މާލެއަށް ހިޖުރަކޮށްފައެވެ. މިފަދަ އެތައް ބަޔަކު މާލޭގައި ތޮއްޖެހިގެން އުޅެމުން އަންނައިރު އެ ފަރާތްތަކުގެ އެންމެ ބޮޑު އުއްމީދަކީ އަމިއްލަ ރަށުގައި ތިބެގެން ލޭ އެޅޭނެ އިންތިޒާމު ހަމަޖެހޭނެ ދުވަހެއް ފެނުމެވެ.

މިކަން މިހާރު މިވަނީ ރާއްޖޭގެ 112 ރަށަކަށް ޙަޤީޤަތަކަށް ވުމާ ގާތްވެފައެެވެ. އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ލޭއެޅޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މިހާރު މިނިސްޓްރީ އޮފް ހެލްތުން ވަނީ މިކަމަށް ބޭނުންވާ ތަކެތި ފޮނުއްވާފައެވެ.

މިތަކެތި ރަށްރަށަށް ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ އަތޮޅުތަކުގެ 112 ހެލްތު ސެންޓަރަކަށް ހަދިޔާކުރެވުނު މިތަކެއްޗާއެކު މިހާރު ޖުމްލަ 60 ބްލަޑް ބޭންކް ޤާއިމްކުރެއްވުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދެވުނީ ކަމަށެއެވެ.

‎" އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 112 ހެލްތު ސެންޓަރަކަށް ލޭ ޓްރާސްފިއުޝަން ހެދުމަށް ބޭނުންވާ ސާމާނާއި ގުޅިގެން މިހާރު 60 ލެބޯޓްރީގައި ބްލަޑް ބޭންކް ގާއިމްކުރުމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދެވުނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރައްކާތެރިކަމާއެކު ލޭ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހި، ޚިދުމަތް ދިނުމުގައި ބޮޑު ލުއިފަސޭތަކެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

‎ތެލެސީމިއާ ކުދިންނަކީ އެހެން ކުދިން ފަދައިން ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއާ ޚިލާފަށް މުޖުތަމަޢު ތެރެއިން މިކަމުގައި ބަދަލުތަކެއް ފެންނަމުން އަންނަކަންވެސް ތެލެސީމިއާ ތަޙައްމަލްކުރާ ބައެއް ކުދިންވެސްވަނީ ފާހަގަކޮށްފައެވެ.

‎ތެލެސީމިއާ ކުދިންގެވެސް އެންމެ ބޮޑު ޝަކުވާއަކީ އެކަށީގެންވާ ފަރުވާ އާއި ނަފްސާނީ ގޮތުން މީހާ ބަލިކަށިކުރާ މިފަދަ ބައްޔަކާ ހަނގުރާމަކުރާއިރު އެ ކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ފަދަ އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ލިބެން ނުހުންނަކަމެވެ. އަދި ލޭއެޅުމާއި ލޭހޯދުމަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ހަމަޖެހޭ ދިރިއުޅުމެއް ލިބިގަތުމަށް އެކުދިން ވަނީ ސަރުކާރާއި ޢާއްމުންގެ އެހީ ބޭނުންވާކަން ފާހަގަކޮށްފައެވެ.

‎ރާއްޖޭގައި މިހާރު ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭ ނިސްބަތް މައްޗެވެ. އެގޮތުން 30 އިން މަތީގެ އުމުރުގެ ލޭއަޅާ މީހުން ތިބިއިރު، ބައެއް މީހުން ވަނީ ޒަވާޖީ ހަޔާތެއް ފަށައި، ދަރިންވެސް ހޯދާފައެވެ. އެއީ ބޭހާއި ދޭ ފަރުވާގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް އެމް.ބީ.އެސްއިން ބުނެއެވެ. އެކަމަކު އުމުރުން މަތިވާ ވަރަކަށް، ލޭ އަޅަން ޖެހޭ މިންވަރާއި ދޭ ފަރުވާތައް ވެސް އިތުރުކުރަން ޖެހޭނެއެވެ.