ޚަބަރު

ޤާނޫނީ ބާރުވެރިކަމާއެކު ކުޑަކުދިން ރައްކާތެރިކުރެވޭނީ އެންމެންގެ ޒިންމާއެއްކަމަށް ޤަބޫލުކުރެވިގެން


ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލެވެ. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ޔަޤީންވެގެންދިޔުމަކީ، ޙަގީގީ މާނައިގައި ޤައުމެއްގެ ތަރައްޤީ ވަޒަންކުރެވޭނެ މުހިއްމުކަމެކެވެ. ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މަސައްކަތްކުރަމުން އަންނަނީ އެޤައުމެއްގެ ކުޑަކުދިންނަށް އަމާން ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ. ރާއްޖޭގައިވެސް މިމަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުޑަކުދިންނަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި ލޯބި ކަށަވަރުކޮށްދޭންޖެހޭ ބައެކެވެ. އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލާ، އެކަންކަމަށް ޙައްލުގެނައުމަށް ރާއްޖެއިންވަނީ ބައިނަލްއަޤުވާމީ އެކި މުޢާޙަދާތަކުގައި ބައިވެރިވެ އެއްބަސްވެފައެވެ. ރާއްޖޭގައި ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކުރުމަށް ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ތަޢުލީމުގެ ޤާނޫނު މިހާރުވަނީ ތަސްދީޤުކޮށް ތަންފީޒުކުރަން ފަށާފައެވެ.

ކުޑަކުދިންގެ ތަޢުލީމުގެ ނިޒާމަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަންކޮށް އެކުދިންނަކީ ޤައުމުގެ މާދަމާއާއި ޙަވާލުވުމަށް ތިބި މީހުންކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެވެ. އެހެންކަމުން އެދުވަސްވަރަކީ ކަމާ ގުޅުންހުރި ހުރިހާ ފަރާތެއްގެ ފުރިހަމަ ސަމާލުކަމާއި ވިސްނުންތެރިކަމާއެކު ކުރިއަށްދާންޖެހޭ ދުވަސްވަރެކެވެ. ރާއްޖޭގެ ތަޢުލީމުގެ ނިޒާމަކީ ދަރިވަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި، ދަރިވަރުންގެ ފުރިހަމަ ޤާބިލުކަމަށް ވާޞިލުކޮށްދޭ ނިޒާމަކަށް ހެދުމަށް ކުރެވުނު އެންމެ މުހިއްމުކަމަކީ ތަޢުލީމުގެ ޤާނޫނު ތަސްދީޤުކޮށް ތަންފީޒުކުރަން ފެށުމެވެ.

މިޤާނޫނުގެ ދަށުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ރައްކާތެރިކަމަށްވެސް ބާރުއަޅައެވެ. އެގޮތުން ކޮންމެ ކުއްޖަކީވެސް އުނގެނުމުގެ ޙައްގު ލިބިގެންވާ ކުއްޖަކަށް ހެދުމަށް ޤާނޫނު ލާޒިމުކުރެއެވެ. ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި ދިވެހި ޤައުމުގެ ކަރާމާތް ދަމަހައްޓާ އަދި ދީނާއި ޤައުމުގެ ކުރިއެރުވުމަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެ ފަދަ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މިޤާނޫނުގެ ދަށުން ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއްގެ ޒިންމާއެކެވެ.

ކުއްޖާ ސްކޫލަށް ދާކަން ކަށަވަރުކުރުމާއި، ކުއްޖާއަށް ބޭނުންވާ އެންމެހާ ވަޞީލަތް ކަށަވަރުވެފައި ހުރިކަން ޔަޤީންކުރުމަށް މިޤާނޫނުންވަނީ ކަމާބެހޭ ފަރާތްތަކަށް ލާޒިމުކޮށްފައެވެ.

ކުޑަކުދިންގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ކުދިންނަށްވެސް މިޤާނޫނުން ތަޢުލީމު ޙާސިލުކުރުމަށް ހުރި ފުރުޞަތުގެ ބޭނުންކޮށް ޤައުމަށް ބޭނުންތެރި ކުއްޖަކަށްވުމަށް ބާރުއަޅައެވެ.

ކުޑަކުދިންނާއި ގުޅޭގޮތުން ޤާނޫނުތައް ތަންފީޒުކުރަމުންދާއިރު ކުޑަކުދިންނާއި ގުޅިގެން ޢާއްމުންވާ މައްސަލަތަކާއި ރިޕޯޓުކުރެވޭ މައްސަލަތައް ވީއެންމެ އަވަހަކަށް ބަލައި ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ ކޮންމެ މުވައްސަސާއަކަށްވަނީ މަތިކޮށްފައެވެ. މިއާއެކު ފާއިތުވި ކައިރި މާޒީއަށް ބަލާއިރު ފެންނަން އޮތް ޙަގީގަތަކީ، ކުޑަކުދިން ހިމެނޭ ނުވަތަ ޝާމިލުވާ މައްސަލަތައް ބަލައި އިންސާފާއި ހަމައަށް ވާސިލުވުން އަވަސްވެފައިވާކަމެވެ.

ކުޑަކުދިން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ޤާނޫނުތައް ހެދިދާނެއެވެ. ތަންފީޒުކުރާ އިދާރާތަކުން އެކަންވެސް ކުރައްވާނެއެވެ. އެހެންނަމަވެސް ކުދިން ނުރައްކަލަށް ހުށައެޅުމުގެ ކުރިން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ މީހަކުމެ، އެމީހެއްގެ ޒިންމާއެއްކަމުގައި ހަދައިފިނަމަ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަ މަދުވެ، އެކުދިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކުރެވިދާނެއެވެ. ކުދިންގެ ރައްކާތެރިކަމާމެދު ޝައްކުކުރެވޭ ކަމެއް ހިމެނޭނަމަ، އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީ މުޖުތަމަޢުގެ ކޮންމެ މީހެއްގެ ޒިންމާއެކެވެ. އެޒިންމާ ނަގައި ޢަމަލުކުރަންފަށާ ދުވަހަކީ މިޤައުމުގައި ކުޑަކުދިންގެ ޙައްގުތައް ފުރިހަމަ ގޮތުގައި ޙިމާޔަތްކުރެވޭނެ ދުވަހެވެ.