ކުޅިވަރު

23 އަހަރުން ދަށުގެ ޓީ20 މުބާރާތް: ޗެމްޕިއަންކަން މާލޭ އޭ ޓީމަށް


23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޓީ20 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ އޭ ޓީމުން ހޯދައިފިއެވެ.

މި މުބާރާތަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ތިން ޓީމަކާއެކު ލީގު އުސޫލުން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މާލޭ އޭ ޓީމުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފުވައްމުލައް ޓީމު އަތުން ހަ ލަނޑުން މޮޅުވެގެންނެވެ.

ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރުދިމާވުމުން ފުވައްމުލައް ޓީމު ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މާލޭ އޭ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 135 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 44 ބޯޅައިން 45 ލަނޑު ހެދި ޝިއުސް ފަރީދާއި ނުބައިނުވެ 20 ބޯޅައިން 32 ލަނޑު އެއްކުރި އަލީ އިއްމާނެވެ.

ޖަވާބުގައި ފުވައްމުލައް ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 129 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 61 ލަނޑު ހެދި އާޒިން ރަފީއުއެވެ. މި އިނިންގްސްގައި މުޙައްމަދު ރަޔާން ތޮލާލް ތިން ވިކެޓް ނެގިއިރު ތަރޫޝާ ކަވިންދާ ވަނީ ދެ ވިކެޓް ނަގާފައެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުވައްމުލައް ޓީމުގެ އާޒިން ރަފީގުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި މުބާރާތުގެ އެންމެ މޮޅު ފީލްޑަރަކަށް ނާއިލް އިސްމާޢީލް ނަސީރު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު އުކުންތެރިޔަކީ ތަރޫޝާ ކަވިންދާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޝިއުސް ފަރީދު ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކީ މަބްސަރު އަބްދުﷲ އިބްރާހީމެވެ.