ކުޅިވަރު

ޤައުމީ ވޮލީ ޓީމް ފުރަތަމަ މެޗުން ބަލި


މެލޭޝިއަން އިންވިޓޭޝަނަލް ވޮލީ ބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމް ފުރަތަމަ މެޗުން ބަލިވިނަމަވެސް ޓީމްގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭކަމަށް ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް ސުންދޯން ފޮސިޓާރ ބުނެފިއެވެ. މެލޭޝިއަން އިންވިޓޭޝަނަލް ވޮލީ ބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޗައިނީސް ޓައިޕޭއާ ވާދަކޮށް ބަލިވީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ޗައިނީސް ޓައިޕޭ ގެންދިޔައީ 25-19، 25-19 އަދި 25-17 ނެވެ. މިމެޗާ ގައުމީ ވޮލީ ޓީމް ކުރިމަތިލީ ވަރަށް ދިގު ދަތުރަކަށްފަހުއެވެ. 

ޤައުމީ ވޮލީ ޓީމްގެ ކޯޗް ސުންދޯން ފޮސިޓާރ ބުނީ ދިގު ދަތުރެއްގެ އިތުރުން ޓީމް ކުދިންނަށް ރަނގަޅަށް ނިދިވެސް ލިބިަފައިނުވާކަމަށެވެ. މެޗްގައިވެސް ކުޅުންތެރިންގެ ކިބައިން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔަކަމަށެވެ. ފުރަތަމަ ދެ ސެޓް ވަރަށް ކައިރި ކައިރިން ދިޔަނަމަވެސް ފަހު ސެޓްގެ ކުރީ ކޮޅު ޤައުމީ ޓީމްގެ ފަރާތުން ވަރަށް ރަނގަޅަށް ކުޅުމެއް ފެނުނެވެ. ފަހު ސެޓްގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު ނަމަވެސް މެޗްގެ ވަރަށް ކުރީ ކޮޅު ޝާއިންއަށް ލިބުނު އަނިޔާއާ ގުޅިގެން މެޗް އެބުރިގެންދިޔައެވެ. ކޯޗް ބުނީ ވަރުބަލިކަން މަތީގައިވެސް ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ.

"މިމެޗްގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔަ. ރޭގައި ގިނަ ކުޅުންތެރިންނަށް އެއްވެސްވަރަކަށް ނިދިފައެއްނުވޭ. މިއަދު ކުޅުންތެރިން ނިދާފައިވަނީ ވަރަށް މަދުން، އެހެންކަމުން ކުޅުންތެރިންނަށް ރިކަވާވުމަށް ވަގުތު ލިބިފައެއްނުވޭ." ކޯޗު ބުންޏެވެ.

ގައުމީ ވޮލީ ކޯޗް ސުންދޯން ފޮސިޓާރ ބުނީ މިމެޗުގައި މިގޮތަށް ކަންތައްތައް ދިޔަނަމަވެސް މާދަމާގެ މެޗުގައި ޓީމްގެ ކުޅުން ވަރަށް ތަފާތުވާނެކަމަށެވެ. މިމުބާރަތުގައި މާދަމާ ރާއްޖޭގެ ޓީމް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗްގައި ރާއްޖެ ވާދަކުރާނީ އިންޑަސްޓްރިއަލް ކޮންކްރީޓް ޕްރޮޑަކްޓްސްގެ ހޮންކޮންގް ޓީމާއެވެ. މާދަމާ ގެ ދެވަނަ މެޗުގައި ރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވަނީ އެމް.ބީ.އެސް.އޭ މެލޭޝިޔާގެ ޓީމާއެވެ.