ޚަބަރު

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ޒުވާނުން ތައްޔާރުވާންޖެހޭ: ނާއިބު ރައީސް


ދުނިޔެއަށް އެކި ގޮތްގޮތުން ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި އެކަންކަމަށް ޒުވާނުން ތައްޔާރުވެ ތިބެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހެން ވިދާޅުވީ "މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ޒުވާނުން ޤައުމުގެ މުސްތަޤްބަލާއި ޙަވާލުވުމަށް ތިބި ޒުވާނުން އެކަމަށް އަމިއްލަ ނަފްސު ތައްޔާރުކޮށް ހަރުދަނާވާންޖެހޭކަމަށެެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދުނިޔެއަށް އެކި ގޮތްގޮތުން ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށް ވިދާޅުވެ އެކަންކަމަށް ޒުވާނުން ތައްޔާރުވުމަށް ގޮވާލައްވާފައެވެ. އެގޮތުން ކޮންމެ މީހަކީވެސް އައު ހުނަރެއް ދަސްކޮށް އޭގެ ބޭނުންކުރަން ދަންނަ މީހަކަށްވުމަށް މަސައްކަތްކުރުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިއަދު ކުރިއަރާފައިވާ ޤައުމުތަކުގައި މީގެ 50 އަހަރުކުރިއަށް ބަލާއިރު ފެންނަން އޮތް ޙަގީގަތަކީ، އެޤައުމުތަކުގެ ސަރުކާރުތަކުން ވަރަށް ބޮޑު ހޭދައެއްކޮށްފައިވާކަން، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް. ރާއްޖެއިންވެސް މިދަނީ އެމަގުން މިހާރު. އަޅުގަނޑުގެ އިލްތިމާސަކީ ޒުވާނުންނަކީ ޤައުމުގެ މާދަމާއާއި ޙަވާލުވުމަށް ތައްޔާރުވާބަޔަކަށްވުމަށް." ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް އެންޕަވަރމަންޓް އަޙްމަދު މަޚުލޫފް ވިދާޅުވީ މީހުން ބިނާކުރުމަށް ސަރުކާރުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި "މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"އަކީ އޭގެތެރެއިން އެއް ޕްރޮގްރާމްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިފަދަ ފުރުސަތުތަކަކީ މަދުން ލިބޭ ފުރުސަތެއް. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ކުދިންވެސް ހިތްވަރުކޮށް މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައިހިފާ ޤައުމީ ޚިދުމަތަށް ނިކުންނަން ތައްޔާރުވުމަކީ." މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މިޕްރޮގްރާމްގައި 100 ކުއްޖަކު ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ސެޓްފިކެޓް ލެވެލް 3ގެ އެކި ކޯސްތައް ހިމެނެއެވެ. އޭގެތެރޭގައި އިލެކްޓްރިކަލް އިންސްޓޮލޭޝަންއާއި، ފްރޮންޓް އޮފީސްއާއި، ހައުސްކީޕިންއާއި ލޯންޑްރީ ސަރވިސްއާއި ކޮމާޝަލް ކުކަރީއާއި ޕޭސްޓްރީ އެންޑް ބޭކަރީއާއި، ފުޑް އެންޑް ބެވަރޭޖް ސަރވިސްއާއި، ބަރިސްތާގެ އިތުރުން ލައިފް ގާޑިންގެ ދާއިރާ ހިމެނެއެވެ.

މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުދިން ތަމްރީންކުރުމަށް ހަމަޖެހިފައި ވަނީ ޝެރެޓަން މޯލްޑިވްސްއާއި ޖޭ.ޑަބްލިއު މެރިއޮޓް މޯލްޑިވްސްއާއި ރިޓްޒް ކަރލްޓަން މޯލްޑިވްސްއާއި ސެއިންޓް ރެޖިސް ވޮއްމުލި މޯލްޑިވްސްގެ އިތުރުން، ވެސްޓިން މޯލްޑިވްސްގައެވެ.