ޚަބަރު

އެމްއާރުއެމްގެ އިސްބޭފުޅުންތަކެއް ޕާޓީން ވަކިވެ، ތާއީދު ރައީސް ޞާލިހަށް


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރޝިޕްގެ 8 ބޭފުޅަކު އެޕާޓީން ވަކިވެވައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާޢީދު ކުރައްވަން ނިންމަވައިފިއެވެ.

މި 8 ބޭފުޅުން އެމްއާރުއެމްއިން ވަކިވެވަޑައިގެންނެވިކަން އިއުލާންކޮށް އެބޭފުޅުންގެ ސޮޔާއެކު ނެރުއްވި ބަޔާނުގައި ވަނީ އެމްއާރުއެމްގެ ބާނީ، ކުރީގެ ރައީސް މައުމޫން އެބޭފުޅުންނަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

އެމްއާއުއެމްއިން ވަކިވި، 8 ބޭފުޅުން:

1- ޝަޒައިލް ޝިޔާމް: އެމްއާރުއެމްގެ ނައިބު ރައީސް، އަދި މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރ
2- މުޙައްމަދު ރާއިދު: އެމްއާރުއެމްގެ އެކްސްކޯ މެންބަރު އަދި އެމް.އައި.ޓީ.ޑީ.ސީ މެނޭޖިން ޑައިރެކްޓަރ
3- ތަޒްމީލް އަބްދުލް ޞަމަދު: އެމް.ޓީ.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ
4- އިބްރާހީމް ފަރުހަދު: އެމްއާރުއެމްގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރ
5- އިސްމާއިލް ނާއިލް ނަޝީދު: އެމްއާރުއެމްގެ ސްޕޯކްސް ޕަރސަން އަދި މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޑައިރެކްޓަރ ކޮމިނިއުކޭޝަންސް
6- މުޙައްމަދު ފައިސަލް: ޑެޕިއުޓީ އެމްބެސެޑަރ އަބޫދާބީ
7- އަބްދުލް ހަމީދު އަޙްމަދު: ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރގެ ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަ

އެމް.އާރް.އެމްގެ އިސް 8 މެންބަރުން ޕާޓީ ދޫކުރުމާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އެބޭފުޅުން އެޕާޓީއަށް ކޮށްދެއްވާފައި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެމްއާރުއެމްގެ ބަޔާނުގައިވަނީ، ޕާޓީން ވަކިވި ބޭފުޅުންގެ ނަންތައް ސިޔާސީ މަގާމްތަކަށް ފޮނުވާފައިވަނީ އެއީ އެބޭފުޅުންނަކީ ޤާބިލް ބޭފުޅުންކަމުގައި ވާތީކަމުގައެވެ. އެހެންކަމުން އެބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަޤާމުތަކުގައި އަދިވެސް އެބޭފުޅުން ދެމިތިއްބެވުމަކީ އެޕާޓީން އެދޭ ގޮތްކަމުގައިވެސް އެމްއާރުގެ ބަޔާނުގައި ބުނެފައިވެއެވެ. އެމް.އާރް.އެމްއިން ބުނީ އެޕާޓީ ފެށިގެން އައީ އަދި ކުރިއަށްދާނީވެސް ޤައުމީ މަސްލަޙަތުއިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަމުން ކަމުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްއިން ކުރިއަށްދާނެ ގޮތަކާއިމެދު އެއްވެސް ގޮތެއް އަދި ނިންމާފައެއްނުވެއެވެ. އެޕާޓީން ދަނީ ރިޔާސީ އިންތިޚާބުގެ ކޯލިޝަން މަޝްވަރާތައް އެކި ޕާޓީތަކާއި ކުރަމުންނެވެ.