ޚަބަރު

އާރްޑީސީ ރާބަދި ޗެލެންޖް: ޗެރިޓީ ޝީލްޑް މެޗް އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީން ކާމިޔާބުކޮށްފި


ރ.މީދޫ ޖަމްޢިއްޔަތުއް ޞަލާޙުން އިންތިޒާމްކޮށްގެން އެއަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު ކަމަށްވާ "އާރުޑީސީ ރާބަދި ޗެލެންޖް 2023" ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީން ކާމިޔާބުކޮށްފިއެވެ.

ޗެރިޓީ ޝީލްޑް މެޗު ޝަރަފްވެރި ކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމްއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީން އާއި ރަނަރަޕް ޔޫ އެންޑް މީ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު ޖޯލިބީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއް ޖޯލިބީންއަށް ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗްގައި ޖޯލިބީންގެ ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފްގައެވެ. އެލަނޑު އެޓީމަށް ޖަހާދިނީ އަބްދުﷲ ހަނީފްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫއެންޑް މީއިން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރި ޖޯލިބީންގެ ގޯލްކީޕަރު، މަޙްމޫދު ޝިފާއުއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެވީ މި މުބާރާތުގެ މެއިން ސްޕޮންސަރ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

މި މެޗް ކާމިޔާބު ކުރި ޖޯލިބީން އަށް ޗެރިޓީ ޝީލްޑާއި ފައިސާ ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުﷲ މައުސޫމްއެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި އެއަތޮޅުގެ 14 ރިސޯޓަކުން ބައިވެރިވިއެވެ. މުބާރާތުގައި މިރޭ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ދިގަލި މޯލްޑިވްސް އާއި ކޯރާ ކޯރާއެވެ. ދެވަަނަ މެޗުގައި ބައްދަލުކުރާނީ ކުޑަފުށި އާއި ރީތިފަރުއެވެ.

މިއީ މީދޫ ޖަމްޢިއްޔަތުއް ޞަލާޙުން މިމުބާރާތް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތިންވަނަ އަހަރެވެ.