ކުޅިވަރު

އިންޓަރ މިލާން ބަލިކޮށް، ޔުވެންޓަސް ފައިނަލަށް


ޕެނަލްޓީގައި ކުރި ހޯދައި ކޮޕަ އިޓަލިއާ ފުޓްބޯޅަމުބާރާތުގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފއެވެ. 

ކޮޕަ އިޓަލިއާ މުބާރާތުގެ ސެމީ ފައިނަލް ދެވަނަލެގުގައި ރޭ ޔުވެންޓަސް އަތުން އިންޓަމިލާން ކުރިހޯދީ 3-0 ނެވެ. މެޗުގައި އިންޓަރމިލާންގެ ލަނޑުތައް ޖަހައިދިނީ މާސެލޯ ބޮރޮޒިވިޗް އަދި އިވާން ޕެރެސިޗްއެވެ.

ފުރަތަމަ ލެގް 3-0 ން ޔުވެންޓަސް ކާމިޔާބުކޮށްފައިވުމުން ދެ ލެގުގެނަތީޖާއަށް ބަލައި ދެ ޓީމްވަނީ ތިނެއް ތިނަކުން އެއްވަރުވެފައިއެވެ. އެހެންކަމުން އިތުރުވަގުތުގެ ދެހާފް ކުޅެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. 

ޕެނަލްޓީ ޝޫޓްއައުޓްގައި ޔުވެންޓަސްއިންޖެހި ހުރިހާ ޕެނަލްޓީއެއް އެޓީމުން ކާމިޔާބުކުރިއެވެ. އިންޓަމިލާނަށްކާމިޔާބުނުކުރެވުނީ ރޮޑްރިގޯ ޕަލާސިއޯ ފޮނުވާލި ޕެނަލްޓީއެވެ. 

އިޓަލިއަން ކަޕް ނުވަތަ ކޮޕަ އިޓަލިއާ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ފައިނަލްގައި ނިކުންނާނީ އޭސީ މިލާންއާއި ދެކޮޅަށެވެ. މި މެޗް އޮންނާނީ އަންނަ މޭމަހުގެ 21 ވަނަ ދުވަހުގެ ރެއެވެ.