ކުޅިވަރު

ވުލްފްސްބާގް ބަލިކޮށް ޑޯޓްމުންޑުން ބަޔާނާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފި


ޖަރުމަން ލީގުގައި ވުލްފްސްބާގް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އުޅޭ ބަޔާން މިއުނިކާ ދެމެދުގައިވާ ފަރަގު ބޮރޫޝިއާ ޑޯޓްމުންޑުން އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 6 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑުންނެވެ. މިމެޗްގައި ޑޯޓްމުންޑުންވަނީ ފެށުނީއްސުރެ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗްގެ 14 ވަނަ މިނެޓްގައި ކަރީމް އަޑެޔެމީ ޖަހާދިން ލަނޑުން އެޓީމް ވަނީ ލީޑު ނަގާފައެވެ. އަދި މެޗްގެ 28 ވަނަ މިނެޓްގައި ސެބަސްޓިއަން ހާލަރ ޖަހާދިން ލަނޑުންވަނީ ލީޑު ފުޅާކޮށްފައެވެ. މިމެޗްގައި ޑޯޓްމުންޑްގެ ތިންވަނަ ލަނޑު ޖަހާދިނީ މެޗްގެ 37 ވަނަ މިނެޓްގައި ޑޮންޔެލް މާލެންއެވެ.

ދެވަނަ ހާފްގެ ކުޅުންފެށިތާ 9 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމްވަނީ ޑޯޓްމުންޑްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ފަސްމިނެޓް ފަހުން ޑޯޓްމުންޑްގެ ފަސްވަނަ ލަނޑު ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން އަޑެޔެމީއެވެ. މިމެޗްގައި އެޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީވެސް އުމުރުން 19 އަހަރުގެ ބެލިންހަމްއެވެ. މިއީ މިސީޒަންގައި އޭނާ ޑޯޓްމުންޑަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. މިމެޗްގެ 65 ވަނަ މިނެޓްގައި ޑޯޓްމުންޑަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ހެޓްރިކް ހެދުމުގެ ފުރުސަތު އެވަގުތު ލިބިފައިވި އަޑެޔެމީ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޑޯޓްމުންޑަށް ވަނީ 31 މެޗުން 64 ޕޮއިންޓް ލިބިފައެވެ. އަދި އެއްވަނައިގާ އުޅޭ ބަޔޭން އާއި އެންމެ ޕޮއިންޓަކަށް ގާތްކޮށްފައެވެ. ބަޔޭންވެސް ވަނީ މިހާފްތާގައި އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ. އެހެން ކަމުން ޑޯޓްމުންޑަށް މިހާރު އޮތީ އެޓީމް ކުޅެން ޖެހޭ ހުރިހާ މެޗެއް ކާމިޔާބުކޮށް ބަޔޭންއަށް ޕްރެޝަރު ބޮޑުކޮށް ބަޔޭން ގޯހެއް ހަދާތޯ ބަލަން ތިބުމެވެ. ޑޯޓްމުންޑަށް މިސީޒަންގައި ތާވަލްގެ އެއްވަނަ މިހާތަނަށް ދެފަހަރެއްގެ މަތިން ވަނީ ލިބިގެންގޮސްފައެވެ. ނަމަވެސް މިދެފަހަރުވެސް ޖެހިގެން އައި ހަފްތާގައި ކުޅުނު މެޗުން މޮޅު ނުވުމާއެކުވަނީ ތާވަލްގެ އެއްވަނަ މަގާމް ގެއްލިގެން ގޮސްފައެވެ. މިމެޗުން ބަލިވުމާއެކު ވުލްފްސްބަރގް މިހާރު އުޅެނީ 46 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.